ވެރި ރަށް މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މާލެއަކީ ހިނގާބިގާވެ އުޅެން ފަސޭހަ އަދި ތޮއްޖެހުން ކުޑަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ "އާބަން މޮބިލިޓީ ސާވޭ" ގެ ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭގެ ދަތުރުފަތުރުގެ ހާލަތު ބަދަލުކޮށް، ދާއިމީ ހައްލުތަކެއް ހޯދުމަށް ފެށި މި މަޝްރޫއަކީ މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) ގުޅިގެން ކުރިއަށްގެންދާ މުހިންމު ދިރާސާއެކެވެ.
މި މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ޔޫއެންއެސްކެޕުން ފޯރުކޮށްދޭއިރު، އެ ޖަމިއްޔާގެ ޓްރާންސްޕޯޓް ޑިވިޝަންގެ ސެކްޝަން ޗީފް ކެޓްރިން ލޫގާ ވަނީ މިއަހަރުގެ އޭޕްރީލް 29 ގައި މާލޭގެ މޭޔަރު އާދަމް އަޒީމްއާ ބައްދަލުކުރައްވައި ރަސްމީކޮށް މަޝްވަރާ ކުރައްވާފަ އެވެ.
މި ދިރާސާގެ މަރުހަލާގައި މައިގަނޑު ގޮތެއްގައި ދެނެގަންނަނީ ގްރޭޓާ މާލެ ސަރަހައްދުގެ ރައްޔިތުން ގެންގުޅޭ އުޅަނދުތަކުގެ އަދަދާއި، ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން ދިމާވާ ދަތިތަކެވެ. މި މަސައްކަތުގައި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 1،000 އަށް ވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް ވަނީ މައުލޫމާތު އެއްކޮށްފަ އެވެ. ގޭގެއަށް ހިނގައިގެން މައުލޫމާތު އެއްކުރުމުގެ އިތުރުން، ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ހާއްސަ ފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.
މި ދިރާސާއިން އެއްކުރެވޭ މައުލޫމާތުތަކަށް ބިނާކޮށް، ދަތުރުފަތުރުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ކުރިއަށްގެންދާ ހާއްސަ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވެސް މިހާރު ވަނީ ތާވަލުކުރެވިފަ އެވެ. މީރުމާ ހޮޓެލްގައި އަންނަ ޖުލައި މަހުގެ 20 އިން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި، ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބަހުސްކޮށް، މާލޭގެ މަގުތަކަކީ ތޮއްޖެހުން ކުޑަ އަދި ހިނގާ މީހުންނަށް އަމާން ތަނަކަށް ހެދުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅާނެ އެވެ.
އީސީއަށް އައްޔަނުކުރި ޝަކީލަށް މަޖިލީހުން ރުހުން ދީފި
ލީވާންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ތާވަލުކޮށްފި
މެންބަރު ޖަނާބު އުޅެނީ ފިތުނަ އުފައްދަން: ޖަމީލް