ރަމަޟާން މަސް ނިމި ބައްދަލުކުރާ ފިތުރު އީދަކީ މުސްލިމުންނަށް ވަރަށް ވެސް ހާއްސަ މުނާސަބަތެކެވެ. އަޅުކަމުގެ 30 ދުވަހަށް ފަހު އަންނަ އުފާވެރި ދުވަހެކެވެ. މި ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ގޮތް ހާސް ތަފާތެވެ.
ދުނިޔޭގެ ހަތަރު ބިތަށް މުސްލިމުން ފެތުރިފައިވާއިރު އެ ބައެއްގެ ސަގާފަތާއި އާދަކާދަ އީދު ފާހަގަ ކުރުމުގައި ފެނިގެންދެ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިތުރު އީދު ފާހަގަކުރުމަށް އޮންނަ ސަގާފަތްތަކަށެވެ.
އިންޑޮނޭޝިއާ:
ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ އިންޑޮނޭޝިއާގައި ފިތުރު އީދަކީ ވަރަށް ވެސް ކުލަގަދަ ކޮށް ފާހަގަ ކުރެވޭ ދުވަހެކެވެ. އާދަކާދައިގެ ދަށުން އެކި ފަށަލަތައް ހިމެނޭ ގޮތަށް ކޭކު އެޅުމަކީ ފާހަގަ ކުރެވޭ ކަމެކެވެ. މަގުތަކުގައި ބޭން ޖެހުމާއި ބަޑިބޭހުގެ ކުޅިވަރުތަކަކީ އީދު ވިލޭރޭ އެ ގައުމުން ފެންނާނެ މަންޒަރުތަކެވެ.
މެލޭޝިއާ:
މެލޭޝިއާގެ ރައްޔިތުން ފިތުރު އީދު ފާހަގަކުރުމުގައި އެންމެ އިސްކަން ދޭ އެއްކަމަކީ އާއިލާއާ އެކުގައި ވުމެވެ. އެގޮތުން އާއިލާއާ ދުރުގައި އުޅޭ މީހުން އީދުގެ ކުރީ ދުވަހު އެބައެއްގެ ރަށްތަކަށް ދަތުރު ކުރެ އެވެ. އާއިލާގެ ހުރިހާ މެމްބަރުން އެކުގައި އީދުގެ ތައްޔާރީތައް ކުރެ އެވެ.
މެލޭޝިއާ ފާހަގަ ކުރެވެނީ އީދު ދުވަހު މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ގައުމެއްގެ ގޮތުގަ އެވެ. އެގޮތުން ވަޅު އީދު ދުވަހާ ހަމައަށް އެ ގައުމުގެ ގެތަކުގެ ދޮރު ހުންނަނީ ހުޅުވައިފަ އެވެ. ދީނެއް ފިކުރެއް ނެތި މެހެމާނުންނަށް މެހަމާންދާރީ އަދާކުރަން ތައްޔާރުގަ އެވެ.
ސައޫދީ އަރަބިއާ:
ސައޫދީ އަރަބިއާގައި އީދު ފާހަގަ ކުރެވެނީ ކުލަގަދަ ހަފްލާތަކުންނާއި ހަރަކާތްތަކުންނެވެ. އީދު ދުވަހު ކުޑަކުދިންނަށް ހަދިޔާ ބަދަލުކުރުމުގެ ސަގާފަތް އެ ގައުމުގައި ވެސް އޮވެ އެވެ. އަދި ހަމަ އެހެންމެ ފަގީރުންނާއި މިސްކީނުންނަށް ގޮދަނުން ސަދަގާތް ކުރުމަކީ ވެސް އެ ގައުމުގައި އީދު ފާހަގަ ކުރުމުގެ ގޮތުން ކުރާ ފާހަގަ ކޮށްލެވޭ ކަމެކެވެ.
ތުރުކީ:
ތުރުކީގައި އީދަށް ނަންދެވިފައި އޮންނަނީ ހަކުރު ފެސްޓިވަލްގެ ގޮތުގަ އެވެ. މި ކަމުންވެސް ދޭހަކޮށްދެނީ ތުރުކީގައި އީދު ފާހަގަކުރުމުގައި ފޮނި ކާތަކެތީގެ މުހިއްމު ކަމެވެ. އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ފަހު ކުޑަ ކުދިންނަށް ޓާކިޝް ޑިލައިޓްސްގެ ހަދިޔާ އެރުވެ އެވެ. ތުރުކީ ރައްޔިތުންގެ އީދު ދުވަސް ފާއިތުވެގެންދަނީ ގާތްތިމާގެ މީހުންނާއި ރަހްމަތްތެރިންނާ އީދު ސަލާން ގަލާން ކުރުމުގަ އެވެ.