މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރެފްރީންގެ ނަޒާހަތްތެރިކަމާދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށް ފީފާގެ ޗީފް ރެފްރީއިން އޮފިސަރު އަދި ކުރީގެ މަޝްހޫރު ރެފްރީ ޕިއޭރްލުއީޖީ ކޮލީނާ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި މިސްރު އަތުން 3-2 އިން އާޖެންޓީނާ މޮޅުވި މެޗަށްފަހު، މިސްރުގެ ފުޓްބޯލް އެސޯސިއޭޝަނުން ވަނީ އެ މެޗުގެ ރެފްރީން މުބާރާތުން ވަކިކުރުމަށް ފީފާގައި އެދިފަ އެވެ. މިސްރުގެ ފުޓްބޯލް ވަނީ މެޗުގެ ރެފްރީންގެ ނިންމުންތައް ތަހުގީގުކުރުމަށް ވެސް އެދިފަ އެވެ.
އެ މެޗުގައި މިސްރާ މެދު ރެފްރީން އަމަލުކުރީ ބޭއިންްސާފުވެރި ގޮތަކަށް ކަމަށް ބުނެ، މިސްރުގެ ކޯޗު ހޮސާމް ހަސަން ވެސް ވަނީ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
"ފީފާ ވޯލްޑް ކަޕްގެ ރެފްރީންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް އެއްވެސް މީހަކަށް ނޯންނާނެ. މިގޮތަށް ތުހުމަތުކުރުމަކީ، ރެފްރީންނާއި އެމީހުންގެ އާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓާލާ ކަމެއް،" ކޮލީނާ ބުންޏެވެ. "ރެފްރީންގެ ނިންމުންތަކަށް ޒިންމާދާރު ގޮތެއްގައި ފާޑުކިއުމުގެ ޖާގަ ލިބޭނެ. އެކަމަކު އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރުމަަށް މި ކުޅިވަރުގައި ފުރުސަތެއް ނުދެވޭނެ."
ކޮލީނާ ބުނީ ފީފާ ވޯލްޑް ކަޕްގެ ރެފްރީންނަށް އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެ ވާހަަކަދެއްކުމުގެ ޖާގައެއްވެސް ނެތް ކަމަށެެވެ.
"އެއްވެސް މީހަކަށް ފީފާގެ ރެފްރީން ކުރާ މަސައްކަތަށް ނުފޫޒެއް ނުފޯރުވޭނެ. ފީފާގެ ރައީސް (ޖިއާނީ އިންފަންޓީނޯ) އަށްވެސް އެކަމެއް ނުކުރެވޭނެ،" ކޮލީނާ ބުންޏެވެ. "އިންފަންޓީނޯ އަބަދުވެސް ފީފާގެ ރެފްރީންގެ ޓީމަށް ފުރިހަމަ ސަޕޯޓްދޭ. އަދި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތުދޭ. މެޗު އޮފިޝަލުން ވެސް ތެދުވެރިކަމާއެކު މަސައްކަތް ކުރަނީ. ހަމަ ކުޅުންތެރިންނާއި ކޯޗުން ފަދައިން، ވީ އެންމެ ރަނގަޅަކަށް ދަނޑުމަތީގައި އެމީހުން ވެސް މަސައްކަތް ކުރޭ."
"އެންމެ އަގުބޮޑު ތަރީ"ގެ ލަގަބަކީ ދޮގެއް: ހެމާ މާލިނީ
ފްރާންސްގެ އޮލީސޭގެ ރީނދޫ ކާޑު ކެންސަލް ނުވި
އީރާން، ރަޝިޔާ އަދި ޗައިނާގެ ވިޔަފާރީގެ މަގަކަށް މިސައިލް ހަމަލާ