ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން އިއްޔެ ހުޅުމާލޭ ކާމިލު ދީދީ ސްކޫލުގައި ކުރިއަށްދަނިކޮށް ހިންގި ބޮޑު މާރާމާރީއަކާ ގުޅިގެން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި ހަމަނުޖެހުން ފެށިފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރި ކެންޑިޑޭޓުންގެ ވޯޓު ގުނުމުގެ މަސައްކަތް ކާމިލު ދީދީ ޕްރީސްކޫލުގައި ކުރިއަށް ދިޔަ ވަގުތުގަ އެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ގުރޫޕެއްގެ މެދުގައި ފުރަތަމަ ބަދަލުކުރެވުނު ބަހުގެ ހަމަލާތަކަކަށްފަހު، އެކަން ވަނީ ބޮޑު މާރާމާރީއަކަށް ބަދަލުވެފަ އެވެ. މި މާރާމާރީ ހިންގި ދާއިރާގެ ނައިބު ރައީސްގެ މަގާމު ކާމިޔާބުކުރެއްވީ މަލްޝާ ޝަރީފެވެ.

ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން އުމުރުން 23 އަހަރާއި 24 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާރާމާރީގެ ސަބަބުން ކާމިލު ދީދީ ސްކޫލުގެ ހޯލަށް ވަންނަން ހުންނަ ބިއްލޫރި ދޮރުތައް ވަނީ ތަޅައިލައި، ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފަ އެވެ. އަދި ސްކޫލުގެ ބައެއް ގޮނޑިތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މަންޒަރު ދުށް ފަރާތްތަކުން ކިޔައިދިނެވެ. ނަމަވެސް، މި ލިބުނު ގެއްލުންތަކުގެ ޒިންމާ ނަގައި، ސްކޫލު މަރާމާތުކުރުމުގެ ޚަރަދު ދޭނެތޯ ސުވާލުކުރުމުން ވެރިކަންކުރާ ޕީއެންސީން އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ސާފުވާ ގޮތުގައި، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ރައީސް އޮފީހުގެ ބައެއް މުވައްޒަފުންވެސް މި ހަމަނުޖެހުމުގައި އަމަލީގޮތުން ބައިވެރިވެފައިވެ އެވެ.