ނަސާއިން މާސްގައި ކުރިޔަށް ގެންދާ ޖައްވީ ޕްރޮގްރާމްގެ ދަށުން މިދުވަސްވަރު ޚާއްސަ މިޝަނެއް ކުރިޔަށް އެބަ ދެއެވެ. އެގޮތުން ނާސާއިން ވަނީ ހަތަރު ފުރޮޅުލީ ކުޑަ އުޅަނދަކާއި ކުޑަ ހެލިކޮޕްޓަރެއް މާސް އަށް ފޮނުވައިފަ އެވެ.

"ޕާސިއަވެންސް"ގެ ނަމުން ނަން ދީފައިވާ ރޯވާ، މާސްގެ ސަތަހައަށް ތިރި ކުރުމަށް ފަހު ނާސާގެ ސައިންޓިސްޓުން ވަނީ އެ އުޅަނދު މާސްގެ ބިންގަނޑުގައި ކާމިޔާބު ކަމާއެކު ދުއްވާފަ އެވެ.

އެ އުޅަނދާއެކު ގެންދިޔަ ކުޑަ ހެލިކޮޕްޓަރެއް މާސްގައި އުދުއްސާލުމާއެކު ދުނިޔެ ނޫން އެހެން ޕްލަނެޓެއްގައި ފުރަތަމަ ފަހަރަށް އުޅަނދެއް އުދުއްސާލުމުގެ ޝަރަފު ނާސާއަށް މިހާރު ވަނީ ލިބިފަ އެވެ. އެއާ އެކު ރޯވާގައި ހުރި ބާރުގަދަ ކެމެރާތަކާއި މައިކުތައް ފަދަ އާލާތް ބޭނުންކޮށްގެން ހެލިކޮޕްޓަރު ދުއްވާ އަޑު ވެސް ވަނީ ބިމާ ހަމަޔަށް ގެނެސްފަ އެވެ.

މީގެ އިތުރުން މާސްގެ އެޓްމޮސްފެއާގައި ހުރި ކާބަންޑައި އޮކްސައިޑުން އޮކްސިޖަން ވަކިކޮށް އެއިން، ނޭވާލެވޭ ފަދަ އޮކްސިޖަން އުފެއްދުމުގެ ކާމިޔާބު ތަޖުރިބާ ވެސް މި ވަނީ ކޮށްފަ އެވެ. މިއީ މުސްތަގުބަލުގައި މާސް އާ ބިމާ ދެމެދު ދަތުރު ފެށުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މިހުރިހާ ކާމިޔާބީގެ ފަހަތުގައިވާ " ޕާސިއަވެންސް" ގެ ނަމުން ނަންދީފައިވާ ރޯވާ މާސްގައި ދުއްވަނީ ކާކު ހެއްޔެވެ؟

މާސްގައި ރޯވާ އިން ހިންގަމުން ގެންދާ މުހިންމު އޮޕަރޭޝަނުގެ މިޝަން ކޮންޓްރޯލް ރޫމުގައި ހުރެ މާސްގައި އެ އުޅަނދު ދުއްވުމުގެ ކޮމްޕްލިކޭޓް މަސައްކަތް ކުރަމުން ގެންދަނީ ވަންޑީ ވަރްމާ ކިޔާ އިންޑިޔާއަށް ނިސްބަތްވާ އަންހެން ސައިންޓިސްޓެކެވެ.

ވަރްމާ ބުނާގޮތުގައި މާސްގައި ހުންނަ ހިލަގަނޑުގަނޑާއި ގާތައް އެނގޭ ވަރަށް ދުނިޔޭގެ ބިމުގައި ހުންނަ އެފަތަ ތަންތަން އޭނައަކަށް ނޭނގެ އެވެ. އެހާވެސް މާސްގެ ބިމަށް ވަރްމާ ފަރިތަ އެވެ.

ވަރްމާ އަކީ ނާސާގެ ޕާސިއަވެންސް ރޯވާގެ ޗީފް އިންޖިނިއަރެވެ. ރޯވާ މާސްގެ ބިމުގެ ހިލަތަކުން ނައްޓަމުން ދާން ޖެހޭ މަންޒިލްތަކަށް ގެންދިއުމަކީ ވަރްމާޔާ ހަވާލު ވެފައިވާ އެތައް މަސައްކަތެއްގެ ތެރެއިން ބައެކެވެ.

މިހާރު ނާސާގެ މާސް އޮޕަރޭޝަންގެ އެންމެ އިސް އެއްސައިންޓިސްޓެއްގެ ގޮތުނަ މަސައްކަތް ކުރާ ވަރްމާ އުފަންވެ ބޮޑުވީ އިންޑިއާގެ ހަލްވަރާ ކިޔާ ހިސާބެއްގަ އެވެ. ޕަންޖާބުގެ ޗަންދީގަރު އިންޖިނިއާ ކޮލެޖުން ބެޗްލާ އޮފް އިންޖިނިއަރިން ހެދުމަށްފަހު މަތީ ތައުލީމު ހާސިލް ކުރުމަށް އެމެރިކާއަށް ވަރްމާ ދިޔަ އެވެ.

2004 ވަނަ އަހަރު ވަރްމާ ނާސާގައި މަސައްކަތް ކުރަން ފެށީ އަދި ކިޔަވާ ނުނިމެނީހެވެ. އޭރު އޭނާ ގެންދިޔައީ ޕީއެޗްޑީގެ ތީސީސް ލިޔަމުންނެވެ. ނާސާގެ އިންޖިނިއަރިން ޓީމުގެ ސަމާލުކަން ވަރުމާއަށް އަމާޒުވީ ރޮބޮޓާ ބެހޭ ގޮތުން އޭނާ ލިޔަމުންދިޔަ ތީސީސް ސަބަބުންނެވެ.

2008 ވަނަ އަހަރު ރޯވާގެ މަސައްކަތާ ގުޅުނު ވަރްމާއަކީ މިހާރު އެޓިމުގެ އެނމެ މުހިންމު އެއް މެމްބަރެވެ.

ނާސާގެ މާސް މިޝަންގައި ހިމެނޭ އެންމެ މުހިންމު ބައި ކަމަށްވާ ޕާސިއަވެންސް ރޯވާގެ ރޮބޯޓިކް އޮޕަރޭޝަންގެ ޗީފް އިންޖިނިއަރެވެ. މާސްއަށް އިންސާނުން ދިއުމަށް ކުރަހާފައިވާ ޕްލޭން ކާމިޔާބުކުރުމަށް ކުރިޔަށް އަޅަމުން ގެންދާ ފިޔަވަޅުތަކުގައި ވަރްމާގެ ހިއްސާ ވަރަށް ބޮޑެވެ.