ގިނަބަޔަކު އިންތިޒާރު ކުރަމުންދާ މަޝްހޫރު ސިޓްކޮމް ފްރެންޑްސްގެ ރީ ޔޫނިއަން ބެލިންތެރިންނާ ހިސާބަށް އަންނާނެ ދުވަސް އިއުލާނު ކޮށްފި އެވެ.
އެޗްބީއޯ މެކްސް އިން އިންތިޒާމު ކޮށްގެން ބާއްވާ މި ހާއްސަ ފްރެންޑްސްގެ ރީޔޫނިއަން މެއި މަހުގެ 27 ވަނަ ދުވަހު ރިލީޒް ކުރާއިރު މި ރީޔޫނިއަންގައި ޝޯގެ ހަ ބައިވެރިންގެ އިތުރުން ހާއްސަ މެހުމާނުންތަކެއް ވެސް ފެނިގެން ދާނެ ކަމަށް ޝޯގެ ޕްރޮޑިއުސަރުން ބުނެ އެވެ.
ފްރެންޑްސްގެ ރީޔޫނިއަން ގައި ޖަސްޓިން ބީބާ އާއި ލޭޑީ ގާގާގެ އިތުރުން ބީޓީ އެސް ވެސް ހިމެނޭ ގޮތަށް 15 ސެލެބްރިޓީން ފެނިގެންދާނެ އެވެ.
މި ޝޯ ބެލުންތެރިންނާ ހަަމައަށް މިދިޔަ އަހަރު އަންނަށް ހަމަޖެހިފައި ވީނަމަވެސް ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުން ޝޯގެ ޝޫޓިން ލަސްވެ ރިލީޒްކުރާ ތާރީހް ފަސްވީ އެވެ.
އެޗްބީއޯ ސްޓްރީމިން ސާވިސްއިން ދުރަށް ދައްކާ މި ރީޔޫނިއަންއަކީ ސްކްރިޕްޓަކަށް ހަދާފައިވާ އެޕިސޯޑެއް ނޫން ކަމަށާއި ޝޯގެ ތަރިން ފެނިގެންދާނީ އެ ތަރިން ކުޅުނު ކެރެކްޓަރުންގެ ގޮތުގައި ނޫން ކަމަށް ޝޯ އިންތިޒާމުކުރާ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް ޝޯގެ ތެރެއިން ބެލުންތެރިންނަށް ގިނަ ސަޕްރައިޒްތަކެއް ލިބޭނެ ކަމަށް ވެސް ޕްރޮޑިއުސަރުން ބުނެފައިވެ އެވެ.
ފްރެންޑްސް ޝޯއަކީ 1990 އާއި 2000ގެ ކުރީކޮޅުގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލުވެގެން ދިޔަ އިގިރޭސި ކޮމެޑީ ސީރީޒެކެވެ.
ފްރެންޑްސް ނިމުމަށްފަހު 17 އަހަރު ފާއިތުވެފައި ވީ ނަމަވެސް ޝޯގެ މަގުބޫލުކަމަށް މިއަދު ވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ފާހަގަކޮށްލަން ޖެހެ އެވެ.
އެހެންކަމުން ޝޯގެ ތަރިންގެ މި ފެނިލުމަކީ ޝޯގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ އުފާވެރި ހަަބަރެކެވެ.