ސައުދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ސިވަރާސާ އަނޯޖަން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި އިންސާނިއްޔަތަށްޓަކައި އެހީތެރިވެދެއްވުމަށް ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.
ލަންކާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި ނަޝީދު މިކަން ހާމަކުރެއްވީ، އަނޯޖަންގެ މައްސަލައިގައި އިންސާނީ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ ފައިޒާ މުސްތަފާއާއި އުޕުލް ކުމާރައްޕެރުމާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މި ބައްދަލުވުމުގައި ނަޝީދު ވަނީ އަނޯޖަން ކޮށްފައިވާ އަމަލަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ނަމަވެސް އެހީތެރިވާން ނިންމެވީ އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސައުދީއަށް ވަޒީފާއަށް ދިޔަ އަނޯޖަން ހައްޔަރުކުރީ ފޭސްބުކްގައި ކުރިއަށްދިޔަ ބަހުސެއްގައި އިސްލާމްދީނަށް ފުރައްސާރަވާ ފަދަ ކޮމެންޓެއް ކުރުމާ ގުޅިގެންނެވެ. ސައިބާކްރައިމް ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ފުރަތަމަ އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން މިލިއަން ސައުދީ ރިޔާލްގެ ޖޫރިމަނާއެކެވެ.
ނަމަވެސް ސައުދީގެ ޕްރޮސެކިއުޓަރުން އިސްލާމީ ޝަރީއަތުގެ ދަށުން މައްސަލަ އިސްތިއުނާފުކުރުމުން އެޕެލެޓް ކޯޓުން ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފަ އެވެ. މި ހުކުމާ ގުޅިގެން ރައީސް ނަޝީދުގެ އެހީތެރިކަމާއެކު ސައުދީގެ އިސް ވެރިންނަށް އިންސާނީ އެޕީލެއް ހުށަހެޅުމަށް މިހާރު އަންނަނީ ރާވަމުންނެވެ.
ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހޭރަތު މަޖިލީހުގައި ވިދާޅުވި ގޮތުގައި، އަނޯޖަންއަކީ ގާނޫނީގޮތުން ރަޖިސްޓަރީވެގެން ބޭރަށް ދިޔަ މީހަކަށްވާތީ، މައްސަލައިގެ ހުރިހާ ގާނޫނީ ހަރަދެއް ހަމަޖައްސާނީ ލަންކާ ސަރުކާރުންނެވެ.
މީގެ އިތުރުން ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަ ސައުދީ ރަސްގެފާނަށް ފޮނުއްވާ ހާއްސަ މައާފުދިނުމުގެ ސިޓީފުޅަކާއެކު ޕާލަމެންޓަރީ ވަފުދެއް ސައުދީއަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންނަ މަހު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ހުކުމް ލުއިކޮށްދެއްވުމަށް އެދިވަޑައިގަންނަވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި މައްސަލަ ސައުދީގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ލިބިފައި ވަނީ އެއް މަސްދުވަހުގެ މުއްދަތެކެވެ.
މަންމައަކަށް ވުމުން ރީތިކަމާ މެދު ދެކޭގޮތް ބަދަލުވެއްޖެ: ކެޓްރީނާ
އީރާނު ފަނާކޮށްލާނެކަމުގެ އިންޒާރު ޓްރަމްޕް އދ. ގައި ދެއްވައިފި
އެކަނި ހުއްޓާ ހާޓް އެޓޭކެއް ޖެހޭހެން ހީވާނަމަ ހަދަންވީ ކިހިނެއް؟