ބޮލީވުޑްގެ ތަރި ކަންގަނާ ރޯނަޓް އަނެއްކާ ވެސް މިވަނީ ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރަން ފަށާފަ އެވެ.
މިހާރު ކުރިއަށްދާ އިޒްރޭލް- ފަލަސްތީނުގެ ކުރިމަތިލުންތަކުގައި އިންޑިއާ ވަނީ އިޒްރޭލާއެކު ކަމަށް ބުނެ ކަންގަނާ އޭނާގެ ސޯޝަލް މީޑިއާގައި އާއްމު ކުރި ވާހަކަތަކަކާއެކު ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ.
އިންސްޓަގްރާމްގައި ކަންގަނާ ބުނެފައިވަނީ އިސްލާމީ ޓެރަރިސްޓުންގެ ކިބައިން ގައުމާއި ރައްޔިތުން ދިފާއުކުރުމުގެ ހައްގު ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ ކަމަށާއި އިޒްރޭލުން ހިފަމުން އެ ދަނީ އެ ހައްގުގެ ބޭނުން ކަމަށެވެ.
މިއާއެކު ކަންގަނާ އިތުރަށް ބުނީ އިޒްރޭލުން ކުރަމުންދާ މަސައްކަތްތަކުގައި އިންޑިއާ ވަނީ އިޒްރޭލާ އެކު ކަމަށެވެ. އަދި އިސްލާމީ ހަރުކަށި ފިކުރުން ދުނިޔެ ސަލާމަތް ކުރެވޭނީ އިޒްރޭލުން މިހާރު އެކަންތައް ކުރާ ގޮތަށް ކަންތައް ކޮށްގެން ކަމަށް ވެސް ކަންގަނާ ބުނެފައިވެ އެވެ.
މި ވާހަކަތަކާއެކު ކަންގަނާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ ބަޔަކު ވަނީ ކަންގަނާގެ ވިސްނުމަށް ފާޑުކިޔައި އޭނާއަކީ އިސްލާމޮފޯބިކް ވިސްނުމެއް ގެންގުޅޭ މީހެއް ކަމަށް ބުނެފަ އެވެ.
އެ ގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ތެދުވާން މުސްލިމަކަށް ވާން ނުޖެހޭ ކަމަށާއި އިންސާނިއްޔަތުކަމާއެކު ވެސް އެ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލިދާނެ ކަމަށް ކަންގަނާގެ އެ ވާހަކަތަކަށް ރައްދުދިން ބައެއް މީހުން ބުނެފައިވެ އެވެ.
ކަންގަނާއަކީ ކޮންޓްރޮވާޝަލް ތަރިއެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ތަރިއެކެވެ.
އިންޑިއާ އާއި ދުނިޔޭގެ މަސްރަހުގައި ހިނގާ އެކި ކަންކަމުގައި ފާޅުކަން ބޮޑު ގޮތެއްގައި ހިޔާލު ފާޅުކުރާ ކަންގަނާއަށް ގިނަ ފަހަރު އަމާޒުވެފައި އޮންނަނީ އާއްމުންގެ ފާޑުކިޔުމާއި ނުރުހުމެވެ.
ކޮއްމެ ހައިސިއްޔަތަކުން ބެލިއަސް ކޮއްމެ ދީނަކައް ބެލިއަސް އިންސާނުން ތަކަކައް އަނިޔާކުރާ ބަޔަކައް ހިއްވަރު ދީވާހަކަ ދެއްކުމަކީ ހަރުކަށި ފިކުރު.