ލަންޑަން (15 މެއި) - އިޒްރޭލް- ފަލަސްތީނު މަސްރަހާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ އާސެނަލްގެ ފުޓުބޯޅަ ތަރި މުހައްމަދު އަލްނަނީ އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކުރި ޓުވީޓަކާ ގުޅިގެން އާސެނަލްގެ ސްޕޮންސަރެއް ކަމަށްވާ އިޓަލީގެ މަޝްހޫރު ކޮފީ ބްރޭންޑް "ލަވާޒާ"ގެ ކަންބޮޑުވުން އެ ކްލަބަށް ހުށަހަޅައިފި އެވެ.

މިސްރަށް ނިސްބަތްވާ 28 އަހަރުގެ އެލްނެނީ ވަނީ އޭނާގެ ހިތާއި ރޫހު ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ބުނެ މެއި މަހުގެ 10 ވަނަ ދުވަހު ޓުވީޓެއް ކޮށްފަ އެވެ. އޭނާގެ ޓުވިޓާގައި ފަސް މިލިއަން ފޮލޮވާސް އުޅެ އެވެ.

މިއާއަކު ލަވާޒާއިން ވަނީ އެ ކުންފުންޏަކީ އާސެނަލްއާ ގުޅިފައިވާ ކުންފުންޏެއް ކަމަށް ބުނެ އެ ޓުވީޓްގެ ސަބަބުން ކުންފުންޏަށް ވެދާނެ ގެއްލުމަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޓުވީޓަކީ ކުންފުނީގެ އުސޫލުތަކާ ހިލާފު ޓުވީޓެއް ކަމަށާއި އެކަން އާސެނަލްގެ ސަމާލުކަމަށް ވަގުތުން ގެންނާނެ ކަމަށެވެ.

އެލްނެނީގެ އެ ޓުވީޓްގެ ސަބަބުން އާސެނަލްގެ ޔަހޫދީ ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ އޭނާއަށާއި ކްލަބަށް އަމާޒުވެފަ އެވެ.

މިއާއެކު އިނގިރޭސިވިލާތުގެ ޔަހޫދީ ޖަމާއަތެއް ކަމަށްވާ ބޯޑް އޮފް ޑެޕިއުޓީސް އޮފް ބްރިޓިޝް ޖޫއިސް ގެ އޮފިޝަލަކު ވަނީ އާސެނަލް އިން އެލްނެނީ އާ ދެކޮޅަށް ފިޔަވަޅު އަޅާފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށް ވަގުތުން ވަގުތަށް އެލްނެނީ ސަސްޕެންޑް ކުރުމަށް ޕްރިމިއާ ލީގް އިންތިޒާމްކުރާ އެފްއޭއަށް ގޮވާލާފަ އެވެ.

މި މައްސަލައާ ބެހޭ ގޮތުން އާސެނަލް އިން ބުނީ އެ ކުލަބްގެ ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ އަމިއްލަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި އެ ކުލަބަކީ ހަމަހަމަ ކަމަށް ހިތްވަރުދީ ތަފާތުކުރުންތަކާ ދެކޮޅު ކުލަބެއް ކަމަށެވެ. --ޑެއިލީ މެއިލް