ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވާ ނިންމުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމީ ސަރުކާރުގެ ނުފޫޒުން ކަމަށް އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

އީގަލް ހިލްސް މަޝްރޫއު ގާނޫނާ ހިލާފުކަމަށް ބުނެ އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ، މިއީ ފުރަތަމަ މަރުހަލާގައި ސީދާ އެ ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ބުނެ އެވެ.

މިކަމާ ގުޅިގެން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަލީ ވިދާޅުވީ، ރަޖިސްޓްރާގެ އެ ނިންމެވުމަކީ ގޯސް ނިންމެވުމެއް ކަމަށާއި، އާންމު މަސްލަހަތު ހިމެނޭ މިފަދަ މައްސަލަތަކުގައި ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ކަމަށެވެ. އަދި މި ނިންމެވުމުން ދޭހަ ވަނީ ސުޕްރީމް ކޯޓަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާ މިންވަރު ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ކުއްޔަކާ ނުލައި ބިން ދިނުމާއި، ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ހިލާފަށް ތިންވަނަ ފަރާތްތަކަށް ހައްގުތައް ދިނުމުގެ މައްސަލަ ވަނީ ފާހަގަކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން، ރަޖިސްޓްރާގެ ނިންމެވުން މުރާޖާކޮށްދިނުމަށް އެދި 14 ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށްގެންދިއުމަށް ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހު އެވެ. މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް ޕްރޮޕަޓީ ގަނެވިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ސަރުކާރާއި އީގަލް ހިލްސްއިން ވަނީ އެފަދަ ނުރައްކަލެއް ނޯންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.