ދައުލަތުގެ ރަސްމީ ރިޒާވުން ހަރަދުކުރުމަށް ހުންނަ ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) ފާއިތުވި ސެޕްޓެމްބަރު މަހު 15.4 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮގަސްޓް މަހު ބޭނުންކުރެވޭ ރިޒާވްގައި 200.6 މިލިއަން ޑޮލަރު ހުރި ނަމަވެސް، ސެޕްޓެމްބަރު މަސް ނިމުނުއިރު އެ އަދަދު ވަނީ 169.8 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިއީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
ބޭނުންކުރެވޭ ރިޒާވަށް އައި މި ބަދަލާ އެކު، ދައުލަތުގެ ޖުމްލަ ރަސްމީ ރިޒާވަށް ވެސް ވަނީ އޭގެ އަސަރުކޮށްފަ އެވެ. އެގޮތުން އޮގަސްޓް މަހު ރަސްމީ ރިޒާވްގައި 643.9 މިލިއަން ޑޮލަރު ހުރިއިރު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އަދަދު ވަނީ 547 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. މިއީ 14.9 ޕަސެންޓުގެ ދަށްވުމެކެވެ.
ރިޒާވްގެ އަދަދުތައް މިގޮތަށް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރީ، މަރުކަޒީ ބޭންކަށް ބޭރު ފައިސާ ލިބުނު މިންވަރަށް ވުރެ އެ ބޭންކުން ބޭރު ފައިސާ ދޫކުރި ނުވަތަ ވިއްކި ނިސްބަތް ބޮޑުތަނުން އިތުރުވުމެވެ.
މިގޮތުން، އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު އެމްއެމްއޭ އިން ބޭރު ފައިސާ ވިއްކި މިންވަރު ވަނީ 46.9 ޕަސެންޓަށް އިތުރުވެފަ އެވެ. ބޭރު ފައިސާ މިހާ ބޮޑަށް ދޫކުރަން ޖެހުނު މައިގަނޑު ސަބަބަކީ، 2019 ވަނަ އަހަރު ބަޖެޓަށް އެހީވުމުގެ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލުގެ ތެރެއިން ބާކީ ދައްކަން އޮތް 50 މިލިއަން ޑޮލަރު، ސެޕްޓެމްބަރު މަހު ދައްކައި އެއްކޮށް ހަލާސްކުރުމަށް ސަރުކާރަށް ޑޮލަރު ފޯރުކޮށްދިނުމެވެ.
މީގެއިތުރުން ވެސް، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށާއި، ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރީ މަސްތަކެކޭ އެއްފަދައިން ސެޕްޓެމްބަރު މަހު ވެސް އެމްއެމްއޭ އިން ވަނީ ވިޔަފާރި ބޭންކުތަކަށް ޑޮލަރު ވިއްކާފަ އެވެ.
ތިން މީހުންނާއެކު ސައިކަލް ދުއްވުން: އެކަކު ހައްޔަރުކޮށްފި
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
"ޖަރުމަނު ކޮންސިއުލޭޓް ބަންދުކުރީ ސަރުކާރުން އިހުމާލުވާތީ"