އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގެވި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ޝަމްއާން އޭސީސީއަށް ހާޒިރުކުރީ، މިނިސްޓަރު އިހުސާންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް އެކްސްގައި ކުރައްވާފައިވާ ޕޯސްޓަކާ ގުޅިގެން މައުލޫމާތު ނެގުމަށެވެ.
މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ޝަމްއާންގެ މައްޗަށް އިއްވީ މި އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ. އެ ހުކުމް އިއްވި ދުވަހު ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ވަނީ، އޭނާގެ މައްޗަށް ދައުވާކުރީ އިހުސާން އިސްވެ ހުންނަވައި ފްރޭމްކުރުމަށްފަހު ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި ބިދޭސީންގެ ކޯޓާއާއި ވޯކް ޕާމިޓް ދޫކުރުމުގައި އިހުސާން ކޮރަޕްޝަން ހިންގަވާ ކަމުގެ ހެކި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުމުން، އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުއްވީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މިނިސްޓަރު އިހުސާން ވަނީ އެ ތުހުމަތުތައް މުޅިން ދޮގުކުރައްވައި، ކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ހާމަކުރުމަށް ފުލުހުންނަށް އަންގަވާފަ އެވެ. އެއާއެކު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަމްއާންގެ މައްޗަށް ހިންގި ތަހުގީގަކީ ވަކި ފަރާތެއްގެ ނުފޫޒެއް ނެތި، މިނިވަންކަމާއެކު ގާނޫނީ އިމުގެ ތެރެއިން ހިންގާފައިވާ ތަހުގީގެއް ކަމަށެވެ.
އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން 2025 މާޗު 21 ގައި ވަކިކުރުމަށްފަހު ފުލުހުންގެ ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ޝަމްއާންގެ މައްޗަށް ކުށް ސާބިތުވި މައްސަލައިގައި އިމިގްރޭޝަންގެ އިތުރު އޮފިސަރުންތަކެއްވެސް ހައްޔަރުކޮށް، ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދާފައިވެ އެވެ.
ގުޅުމެއްގައި ތިބާގެ އަގު ވަޒަން ނުކުރެވޭކަން އަންގައިދޭ 5 ކަމެއް!
ބާޒާރުގައި ފަސް ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފި
"ރަސްމާލެ މައްސަލަ ކޯޓަށް ބަލައިނުގަތީ ސަރުކާރުގެ ނުފޫޒުން"
ޝަމްއާނަށް ދައުވާކުރީ ސިޔާސީ ކަމެއްގައި: ޔާމީން
ޝަމްއާންގެ ތުހުމަތުތައް ފުލުހުން ދޮގުކޮށްފި
ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި