ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކެއް އޮތްކަން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ޔޫއޭއީގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ސަމާލުކަމަށް ގެންނަވައިފި އެވެ.
ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދިވެހި ސަރުކާރާއި މުހައްމަދު އަލައްބާރު އޯނާޝިޕްދަށުގައިވާ އީގަލް ހިލްސްއާ ދެމެދު ވެވިފައިވާ ރަސްމާލެ އެއްބަސްވުމާމެދު ދިވެހި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އެގޮތުން އިގްތިސާދީ ދަތިކަމުގެ މި ދަނޑިވަޅުގައި ރަސްމާލެ ހިއްކަމުން ދަނީ ދިވެހި ރައްޔިތުންގެ އާންމު ވަސީލަތްތައް ބޭނުންކޮށްގެން އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ހަރަދުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް ހާއްސަކުރެވޭނެ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް 99 އަހަރުގެ މުއްދަތަށް ތަރައްގީކުރުމަށް އީގަލް ހިލްސްއަށް ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން ދިނުމަށް ހުށަހެޅިފައިވާ ހުށަހެޅުމަކީ އެ ވައުދާމެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ސިޔާދަތު ރައްކާތެރިކޮށްދީ ބިމުގެ މައްޗަށް ބޭރުގެ ފަރާތްތަކަށް އޮންނަ ހައްގުތައް ހަނިކުރާކަން ޑރ. ޖަމީލް ފާހަގަކުރެއްވި އެވެ. ބަދަލުކުރެވޭ ގޮތަށް 99 އަހަރަށް ބިން ކުއްޔަށް ދިނުމަކީ ރާއްޖޭގެ ސަރަހައްދުގެ މައްޗަށް ދާއިމީ ހައްގުތަކެއް ދިނުމާ އެއްފަދަ ގާނޫނީ ބޮޑު ކަންބޮޑުވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ މަސްލަހަތުގައި ޔޫއޭއީގެ ބޮޑުވަޒީރު މިކަމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ޑރ. ޖަމީލް ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި އީގަލް ހިލްސްއާއި މުހައްމަދު އަލައްބާރު މި މަޝްރޫއުން ވަކިވެ ދިވެހި ރައްޔިތުންގެ ހައްގު ކަންބޮޑުވުންތަކަށް އިހްތިރާމްކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.
ބާޒާރުގައި ފަސް ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފި
ރަހީނުކޮށްގެން ފައިސާ ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދަށް
"ދަ އައިލެންޑް ފެކްޓްރީ" ކާމިޔާބު ވިޔަފާރިއަކަށް
