ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެކޮލިން ފެނާންޑޭޒްއަކީ އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ކާރިސާގައި އާއްމުންގެ ހިދުމަތުގައި އެންމެ ހަރަކާތްތެރި އެއް ތަރި އެވެ.

އެގޮތުން އޭނާ މިހާރު ފެނިގެންދަނީ މުމްބާއީގެ ކޮވިޑް ކެއާ ސެންޓަރެއްގައި ބަލި މީހުންނަށް އެހީތެރިވުމުގައި ވޮލަންޓިއާ މަސައްކަތް ކުރަނިކޮށެވެ.

ޖެކޮލިން އިސްވެ ހިންގަމުން އަންނަ ވޮލަންޓިއާ ފައުންޑޭޝަން ކަމަށްވާ ޔޯލޯ އިން ދަނީ މުމްބާއީގެ ގަޓްކޯޕަރްގައި 100 އެނދުގެ ކޮވިޑް ފެސިލިޓީއެއް ހިންގުމުގައި ހަރަކާތްތެރި ވަމުންނެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޒޫމް ޑިޖިޓަލްއަށް ދިން އިންޓަވިއުއެއްގައި ޖެކޮލިން ބުނީ އޭނާގެ ފައުންޑޭޝަން އިން ހިންގާ ކޮވިޑް ފެސިލިޓީއަށް އެނދު އިތުރުކޮށް 500 އޮކްސިޖެން ކޮންސަންޓްރޭޓާސް ލިބިފައިވާ ކަމަށާއި އަދި ދެ އެމްބިއުލާންސް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

"މި ބަލީގައި ހޮސްޕިޓަލުތަކަށް ނުދެވި އެކަށީގެންވާ ފަރުވާ ނުލިބިގެން ގިނަ ބަޔަކު ވަނީ މަރުވެފައި. އެފަދަ ފަރާތްތަކަށް އެހީވުމަށް ޓޯލް ފްރީ ނަމްބަރެއް ހަދާފައި ވާނެ،" ޖެކޮލީން ބުންޏެވެ.

ޖެކޮލިން ވަނީ މި ޕެންޑަމިކްގެ ތެރެއިން އިންޑިއާގެ ރޯޓީ ބޭންކާއި ގުޅިގެން ފަގީރުންނާއި މިސްކީނުންނަށް ކާބޯތަކެތީގެ އިތުރުން މާސްކާއި ސެނިޓައިޒާ ބެހުމަށް މަސައްކަތް ކޮށްފަ އެވެ.

ޔޯލޯ ފައުންޑޭޝަން އާ ބެހޭގޮތުން ވާހަކަ ދައްކަމުން ޖެކޮލިން ބުނީ އެ ފައުންޑޭޝަންގެ އަސްލު މަގްސަދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އަންހެނުން ބާރުވެރިކުރުން ކަމުގައި ވިޔަސް ކޮވިޑްގެ ދެވަނަ ރާޅާއެކު އެ ހާލަތުން އަރައިގަތުމަށް އެހީވުމަށް ނިންމީ ކަމަށެވެ.

"ހައުސްފުލް" އަދި "ދަ ޖެންޓްލްމަން" ފަދަ ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ޖެކޮލިން ގަބޫލުކުރާ ގޮތުގައި ފައިސާގެ އެހީ ނުދެވުނަސް ކުރެވޭ ކުޑަ ކުޑަ އެންމެ ކަމަކީވެސް އޭގެ ސަބަބުން އެތައް ބައަކަށް މަންފާ ކުރާނެ ކަމެކެވެ.