އެއްވެސް ހާލެއްގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށާއި އޭނާ މަސައްކަތް ކުރައްވާނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެރިކަމަށް ގެނައުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގުރާމުގައި ރޭ ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް ގެނައުމަށް ތާއިދުކުރާ މީހުން މަދެއް ނޫން ކަމަށެވެ. އެކަމަކު، އެ މަނިކުފާނު އެއްވެސް ހާލެއްގައި ވެރިކަމަށް ކުރިމަތިނުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޕްރައިމަރީގައި ވާދަކުރެއްވިޔަސް އެމަނިކުފާނު ވާދަނުކުރައްވާނެ ކަމަށާއި އަބަދުވެސް ހުންނަވާނީ ފައްުޔާޒާއެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކޮންމެ ބޭފުޅަކު [ވެރިކަމުގެ ޓިކެޓަށް] ކުރިމަތިލި ނަމަވެސް އަޅުގަނޑު ހުންނަ ގޮތުގައި އަޅުގަނޑު ހުންނާނީ. ނޫން، އަޅުގަނޑު މި ހުރީ ފައްޔާޒަށް ތާއިދުކޮށްގެން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ފަހުވަގުތު އެމަނިކުފާނު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ ފައްޔާޒާއެކު ހުންނެވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާގޮތާއި މިނިވަންމުއައްސަސާތަކަށް މެންބަރުން އައްޔަންކުރާ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވާފައި ވަނީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައެއްނުވެ އެވެ.