ލަވަކިޔުމުގެ ރިއަލިޓީ ޝޯތަކަކީ ކުރިއާލާ ސްކްރިޕްޓްކޮށް، މަކަރު ހަދައިގެން ގެނެސްދޭ އެއްޗެއް ކަމަށް ބުނެ މަޝްހޫރު ލަވަކިޔުންތެރިޔާ ސުނިދީ ޗޯހާން ދެއްކި ވާހަކަތަކަށް، ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް ހޫނު ރައްދެއް ދީފި އެވެ.
ނޭހާ ބުނިގޮތުގައި އެފަދަ ރިއަލިޓީ ޝޯތަކުގެ މަގުބޫލުކަން އާއްމުންގެ މެދުގައި ދަށްވެގެން ދިޔައީ އޭނާ އެ ޝޯތަކުން ވަކިވި ހިސާބުންނެވެ.
"އައި-ޕޮޕްސްޓާ ސީޒަން 2" ލޯންޗު ކުރުމުގެ ހަފްލާގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ނޭހާ ވަނީ ސުނިދީ ދެއްކި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ސުނިދީގެ ފާޑުކިޔުންތަކާ ގުޅިގެން ޝޯތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާއިރު، ނޭހާ ވަނީ އެ ވާހަކަތައް މުޅިން ދޮގު ކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނޭހާ ބުނީ، އެ ޝޯތަކުގެ ފުންމިން ދަށްވެގެންދިޔައީ އޭނާ އެ ޝޯ ކުރުން ހުއްޓާލުމުން ކަމަށާއި އޭނާ ޝޯތަކުގައި ބައިވެރިވަމުން ދިޔައިރު ޓީ.އާރު.ޕީ ހުރީ އެންމެ މަތީގައި ކަމަށެވެ.
މީގެ އިތުރުން ވެސް ނޭހާ ވަނީ މަޖާޒީ ގޮތަކަށް ބޭނުންވާ އެއްޗެއް ނުލިބުމުން، އެއީ ނުބައި އެއްޗެއްކަމަށް ބުނެ އަގު ވައްޓާލުމަކީ އާދައެއް ކަމަށް ބުނެފަ އެވެ.
އެއާއެކު މީހުންގެ އަސްލު ދިރިއުޅުމަކީ ސްކްރިޕްޓް ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، އަދި އާދައިގެ އާއިލާތަކުން އަންނަ ބައިވެރިންގެ ވާހަކަތައް އަޑުއަހާފައި ޖަޒުބާތުގައި ޖެހުމަކީ އާންމުކޮށް ވާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
މި މައްސަލަ ފެންމަތިވީ، ދާދި ފަހުން ސުނިދީ ދިން އިންޓަވިއުއެއްގައި ރިއަލިޓީ ޝޯތަކުގެ ހަގީގަތާ ބެހޭގޮތުން ވާހަކަ ދައްކާފައި ވަނިކޮށެވެ.
ސުނިދީ ބުނެފައިވާ ގޮތުގައި، ކުރީކޮޅު ޝޯތައް ވަރަށް ސާފު ނަމަވެސް، ފަހުން ޝޯތަކުގައި އޮޓޯ-ޓިއުން ބޭނުން ކުރުމާއި، ބައިވެރިންގެ ކިބައިން ވަކި ގޮތަކަށް އަމަލުކުރުމަށް އެދުމާއި އަދި ހުރިހާކަމެއް ސްކްރިޕްޓްގެ ދަށުން ގެންދާތީ އޭނާ އެފަދަ ޝޯތަކުން ދުރުވާން ނިންމީ ކަމަށެވެ.
ނޭހާގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ބޮޑެތި ބަހުސްތަކެއް ފެށިފ އެވެ. ބައެއް ފަރާތްތަކުން ނޭހާގެ މި ވާހަކަތަކަށް ފާޑު ކިޔާފައިވާއިރު، ސުނިދީގެ ވޯކަލް ރޭންޖާއި ލައިވް ޕާފޯމަންސްތަކުގެ މޮޅުކަން ފާހަގަކޮށް ނޭހާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.
ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް މަތިކޮށްފި
ވަކި ގައުމެއް އިސްކުރާ ކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި