ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބޮލީވުޑްގެ ތަރި ރާނީ މުކަރްޖީއަށް، މަހަރާޝްތުރާ ސްޓޭޓް ފިލްމު އެވޯޑު 2026ގެ ޖަލްސާގައި ޝަރަފުވެރި "ރާޖް ކަޕޫރް ސްޕެޝަލް ކޮންޓްރިބިއުޝަން އެވޯޑު" ދީފި އެވެ.

މިއީ އިންޑިއާގެ ސިނަމާއަށް އޭނާ ކޮށްދީފައިވާ އަގުހުރި ހިދުމަތްތައް ފާހަގަ ކުރުމަށާއި ހާއްސަކޮށް މުމްބާއީ އަދި މަހަރާޝްތުރާގެ ސިނަމާއާ އޭނާއާ އޮތް ގާތް ގުޅުމުގެ އަގު ވަޒަންކޮށް އެރުވުނު އެވޯޑެކެވެ.

މަހަރާޝްތުރާގެ ޗީފް މިނިސްޓަރު ދެވެންދަރް ފަޑްނަވިސްގެ އަތުން މި އެވޯޑާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ރާނީ ބުނީ، ސިނަމާއަކީ އޭނާއަށް ހަމައެކަނި ޕްރޮފެޝަނެއް ނޫން ކަމަށާއި، އެއީ އޭނާގެ ހިތާ ގުޅިފައިވާ ފުން އިހުސާސެއް ކަމަށެވެ. މަހަރާޝްރާއަކީ އެފަދަ އިހުސާސްތަކުގެ އުފަން ބިން ކަމަށް އޭނާ ފާހަގަކުރި އެވެ.

"މުމްބާއީ ވަނީ އަހަރެންނަށް އައިޑެންޓިޓީއެއް ދީފައި. އަހަރެންނަށް ބެލުންތެރިންނާއި ކެރިއަރެއް ހޯދައިދިނީ މުމްބާއީ. އެއީ އަހަރެންގެ ގެއާއި، ރައްކާތެރި މާހައުލާއި، އަދި އަހަރެންގެ ހުރިހާ ކަމެއް،" ރާނީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ އެވޯޑު ފެންނަ ކޮންމެ ފަހަރަކު ލޮލަށް ސިފަ ވެގެންދާނީ އޭނާގެ ލޮބުވެތި މުމްބާއީ އަދި މަހަރާޝްތުރާ ކަމަށެވެ.

ރާނީ މުކަރްޖީ ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި އަންހެނުންގެ ހައްގުތަކަށާއި، ވަރުގަދަ އަންހެން ކެރެކްޓާތައް ދައްކުވައިދޭ ފިލްމުތައް (މިސާލަކަށް "ބްލެކް"، "ހިޗްކީ"، "މަރުދާނީ" ފަދަ ފިލްމުތައް) ކުޅެދީފަ އެވެ. އެފަދަ ކެރެކްޓާތައް އިހުތިޔާރުކުރީ އިންޑިއާގެ ޖެހިލުންކުޑަ، ހިތްވަރުގަދަ އަންހެނުން މުޖުތަމައަށް ގެނެސްދިނުމުގެ ގޮތުން ކަމަށް އޭނާ ފާހަގަކުރި އެވެ.

މި ޝަރަފުވެރި އެވޯޑު ލިބުމުން އުފާ ކުރަމުން ރާނީ ވަނީ މަހަރާޝްރާގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަންނާނުންނާއި، ޓެކްނީޝަނުން އަދި އެހެނިހެން ފަރާތްތަކަށް މި އެވޯޑު ހާއްސަ ކޮށްފަ އެވެ.