މިއަދު ފަތިހުގެ ވަގުތެއްގައި އަވަށްޓެރި ސްރީލަންގާގެ ދެހިވަލާގައި ދެ ކުޑަކުދިން މަރުވެ، އެ ކުދިންގެ ބައްޕައަށް އަނިޔާވި އަތުބޮމުގެ ހަމަލާ ދީފައިވަނީ އޮޅިގެން އެހެން ގެއަކަށް ކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެފްޔޫ ވޫޓްލާ ވިދާޅުވީ، ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި މި ހަމަލާ އަމާޒުކުރަން އުޅުނީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ އަދި ނުރައްކާތެރި ކުށްވެރިއެއް ކަމަށްވާ ބަޑޯވިޓާ އަސަންކާ އާ ގުޅުން އޮންނަ މީހެއްގެ ގެޔަށެވެ.

ފުލުހުން ބުނި ގޮތުގައި ހަމަލާ ދިން މީހުންނަށް އަތުބޮން އެއްލުނީ އަސްލު އަމާޒުކުރި ގޭގެ ބަދަލުގައި އެ ގޭގެ ކައިރީގައި ހުރި އެހެން ގެއަކަށެވެ. ފުލުހުންގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ، މިއީ ބަޑޯވިޓާ އަސަންކާ އާއި އޭނާއާ ވާދަވެރި ކުށްވެރިއެއް ކަމަށްވާ ކޮސް މައްލީ އާ ދެމެދު ހިނގަމުންދާ ދެބަސްވުންތަކެއްގެ ތެރެއިން ބަދަލުހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.

ދެހިވަލަގެ ސިރިސަންގަބޯ މަވަތާގައި ހުރި އެ ގޭގައި ބޮން ގޮވާފައިވަނީ މިއަދު ފަތިހު 3:20 ހާއިރު އެވެ. މި ހަމަލާގެ ސަބަބުން އެ ގޭގައި ދިރިއުޅެމުންދިޔަ އާއިލާއަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ.

މި ހަމަލާގައި އުމުރުން 11 އަހަރާއި 17 އަހަރުގެ ދެ ކުދިން މަރުވެފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އެ ކުދިންގެ އުމުރުން 55 އަހަރުގެ ބައްޕައަށް އެކިވަރުގެ އަނިޔާލިބިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ފުލުހުން ބުނި ގޮތުގައި އަނިޔާވި މީހާއަށް މިހާރު ދަނީ ކަޅުބޯވިލާ ޓީޗިން ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދައި ހައްޔަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ފުޅާ ދާއިރާއެއްގައި ތަހުގީގެއް ފަށާފަ އެވެ.

ދެހިވަލައަކީ ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސަރަހައްދެއް ނަމަވެސް، މި ހާދިސާ ހިނގި ސަރަހައްދުގައި ދިވެހި އާއިލާއެއް ދިރިއުޅޭކަމުގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.