ދިވެހި ޒުވާނުންގެ މެދުގައި މޫދާއި ކަނޑުގެ ރައްކާތެރިކަމުގެ ހުނަރުތައް އަށަގަންނުވައި، ކަނޑަށް އޮންނަ އިތުބާރު ބޮޑުކޮށް، ލީޑާޝިޕް ހުނަރުތައް ތަރައްގީކުރުމުގެ މަގްސަދުގައި އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން އިސްނަގައިގެން ކުރިއަށްގެންދާ "މޯލްޑިވްސް ޖޫނިއާ ލައިފްގާޑް ޕްރޮގްރާމް" (އެމްޖޭއެލްޕީ) ތުލުސްދޫގައި ރަސްމީކޮށް ފަށައިފި އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފުރަތަމަ ޕްރޮގްރާމްގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުދިން ބައިވެރިވެ އެވެ. މި ޕްރޮގްރާމްގައި މޫދުގެ ރައްކާތެރިކަމާއި، މީހުން ސަލާމަތްކުރުމުގެ ހުނަރުތަކާއި، ފުރަތަމަ އެހީ އަދި ސީޕީއާރް އާ ބެހޭ މައުލޫމާތާއި، ކަނޑުގެ ދިރުންތަކާއި ތިމާވެއްޓަށް އަހުލުވެރިވުމުގެ އިތުރުން، ގުޅިގެން މަސައްކަތްކުރުމާއި ލީޑާޝިޕްގެ އަމަލީ ތަމްރީނުތައް ފޯރުކޮށްދެވޭނެ އެވެ.
މިއީ އަމްފާގެ އިސްނަގައިގެން އޮސްޓްރޭލިޔާގެ "ވޯޓާ ޕެޓްރޯލް އޮސްޓްރޭލިއާ" އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގެ ކޯސް ޑިރެކްޓަ އަދި ލީޑް ޓްރެއިނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މޫދުގެ ރައްކާތެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރު ޕެރީ ހެޗެޓް އެވެ.
މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޝަރަފުވެރި މެހެމާން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ހާނިމް އެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން ހާނިމް ވަނީ ޒުވާނުންނަށް މޫދުގެ ރައްކާތެރިކަމާއި ފުރާނަ ސަލާމަތްކުރުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް މިފަދަ ތިން ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި މަދަނީ ޖަމްޢިއްޔާތަކުން އިސްނަގައިގެން ހިންގާ މިފަދަ ބިނާކުރަނިވި ހަރަކާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވި އެވެ.
އިފްތިތާޙީ ރަސްމިއްޔާތުގެ ބައިވެރިންނަށާއި މެހެމާނުންނަށް މަރުޙަބާ ދަންނަވަމުން، އަމްފާގެ ރައީސް ޑރ. އިބްރާހީމް ހަސަން ވަނީ މި ޕްރޮގްރާމަށް ސަރުކާރުން ދިން ހާއްސަ އަހައްމިއްޔަތުކަމަށާއި ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. މީގެއިތުރުން، މި މަސައްކަތް ކާމިޔާބުކަމާއެކު ފެށުމުގައި އެހީތެރިވެދިން ޕާޓްނަރުންނަށާއި، ސްޕޮންސަރުންނަށާއި އަދި ތުލުސްދޫގެ ކައުންސިލަށާއި ރަށުގެ ރާޅާއެޅުންތެރިންނަށް އަމްފާގެ ފަރާތުން އޭނާ ޝުކުރު އަދާކުރެއްވި އެވެ.
މި ޕްރޮގްރާމް ފެށުމުގެ މައިގަނޑު މަގްސަދާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޖޭއެލްޕީ ގެ ޕްރޮޖެކްޓް ލީޑް އާމިނަތު ސަލާހު ވިދާޅުވީ، ޖަޒީރާ ގައުމެއްގެ ޒުވާނުންނަށް މޫދުގެ ރައްކާތެރިކަމުގެ ހުނަރުތައް އެނގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
"ދިވެހިރާއްޖެއަކީ ކަނޑާއި މޫދަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެފައިވާ ޤައުމެއް. އެހެންނަމަވެސް އަޅުގަނޑުމެން ޤަބޫލުކުރަނީ ކަނޑުތައް ރަނގަޅަށް ދެނެގަނެ، އަމިއްލަ ރައްކާތެރިކަން ދަމަހައްޓައި، އަދި އެހެން މީހުންނަށް އެހީތެރިވެވޭނެ ފަދަ ޢަމަލީ ހުނަރުތައް އިތުރު ޒުވާނުންނަށް ދަސްކޮށްދިނުމުގެ ފުރުޞަތު އެބައޮތް ކަމަށް" އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ތުލުސްދޫ ހިޔާރުކުރި ސަބަބު ބަޔާންކުރައްވަމުން އާމިނަތު ސަލާހު ވިދާޅުވީ އެ ރަށަކީ ރާޅާއެޅުމުގެ ވަރުގަދަ މާހައުލެއް އޮތް، ކަނޑާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއް ކަމަށެވެ،
"އަޅުގަނޑުމެންގެ އުއްމީދަކީ މި ފަށާ ދެ ޕައިލެޓް ޕްރޮގްރާމަށްވުރެ ފުޅާވެ، މުޅި ރާއްޖޭގެ އެކި ރަށްރަށުގެ ޒުވާނުންނާ ހަމައަށް މި ޕްރޮގްރާމް ވާސިލުވެގެން ދިއުން.”އޭނާ ވިދާޅުވި އެވެ.
މޫދުގެ ރައްކާތެރިކަމަކީ ކަނޑުގެ ދިރުންތަކާއި ތިމާވެށި ދެނެގަނެ، އެ ތަންތަން ހިމާޔަތްކުރުމާ ވެސް ގުޅިފައިވާ ކަމެއްކަން މި ޕްރޮގްރާމުން ބަލައިގަނެ އެވެ. އެގޮތުން، މި ޕްރޮގްރާމްގެ މެރިން ކޮންޒަވޭޝަން ޕާޓްނާ ކަމަށްވާ "ރީފްސްކޭޕާސް" އިން، ކަނޑުގެ މާހައުލު ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ރަށްރަށުގެ ވަށައިގެންވާ ނާޒުކު ފަރުތަކުގެ ނިޒާމު ހިމާޔަތްކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދޭނެ އެވެ.
ސެޕްޓެމްބަރ 12 އިން 14 އަށް ތުލުސްދޫގައި ކުރިއަށްދާ ޕްރޮގްރާމަށްފަހު، މި އަހަރުގެ ޕައިލެޓް ޕްރޮގްރާމްގެ ދެވަނަ މަރުހަލާ ކުރިއަށްދާނީ ސެޕްޓެމްބަރު 16 އިން 18 އަށް ފުވައްމުލަކުގަ އެވެ.
މި ޕްރޮގްރާމްގެ ދިގު މުއްދަތުގެ ތަސައްވުރަކީ އެހެން ރަށްރަށަށްވެސް ތައާރަފުކުރެވޭނެ ފަދަ ދެމެހެއްޓެނިވި އޮނިގަނޑެއް އެކުލަވާލައި، އަމިއްލަ މުޖުތަމައުގައި މޫދުގެ ރައްކާތެރިކަމުގެ މައުލޫމާތާއި ހުނަރުތައް ފޯރުކޮށްދެވޭނެ ފަދަ ލޯކަލް ޓްރެއިނަރުން އުފެއްދުމެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފެށިގެން ދިޔައީ ސަރުކާރާއި، ރަށު ކައުންސިލް، މަދަނީ ޖަމްޢިއްޔާތައް، ތަމްރީނު އަދި ތިމާވެށީގެ ޕާޓްނަރުން، އަދި ރާއްޖޭގެ ދީލަތި ސްޕޮންސަރުންނާއި އެހީތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުންނެވެ.
"މި ޕްރޮގްރާމް ނިމިގެންދާއިރު، މި ކުދިންނަކީ މޫދަށް އިތުރަށް އަހުލުވެރިވެ އިތުބާރު ބޮޑުވެފައިވާ، ވަށައިގެންވާ އެހެން މީހުންނާ މެދު ވިސްނާ، އަދި ތިމާވެށި ރައްކާތެރިކުރުމަށް އިސްނަގާ ކުދިންތަކަކަށް ވެއްޖެނަމަ، އަޅުގަނޑުމެންނަށް މި ޙާޞިލުކުރެވުނީ އަގުހުރި ކާމިޔާބީއެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ރާއްޖޭގައި މޫދާއި ކަނޑުގެ ރައްކާތެރިކަމަށް އިސްނަގާ އައު ޖީލެއްގެ ފެށުން ކަމުގައި ވެގެންދިއުން." އާމިނަތު ސަލާހު ވިދާޅުވި އެވެ.
ކުރަން ހުރި ކަންތައް ނޯޓްކޮށްލާ ނިދާލެވޭނެ!
ސްޓްރެސްގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމަށް އުނދަގޫތަކެއް!
ސުކޫކު ދެއްކިތާ ހަ މަސް ނުވަނީސް ދަރަނި 100 ބިލިއަނަށް
