އަލަށް އުފެއްދި މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތު ކުރުމުގެ ކުންފުނި ވެގެންދާނީ، ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އުފެއްދެވީ މިއަދު އެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ވަގްފަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް ހާއްސަ މަފްހޫމެއްކަމަށެވެ. އަދި އެއީ އިންސާނީ މަންފާއާ ގުޅޭ އެތައް ފަށަލަތަކެއް ލާމެހިގެންވާ އިލާހީ ހިކްމަތްވަންތަކަމާއި އޯގާވަންތަކަމުގެ ދަލީލެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިސްލާމީ ތާރީހަށް ބަލާއިރު، ވަގްފުގެ ނިޒާމުގެ ތެރެއިން އެކި ދާއިރާތަކަށް މީހުން ބިނާކުރެވި އިޖުތިމާއީ ފެންވަރު މަތިކުރެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

"ފިކުރީ އިލްމީ ސިކުނޑިތައް އުފެއްދިފައިވޭ. ވަސީލަތުގެ ގޮތުން މިސްކިތްތައް ބިނާކުރެވިފައިވޭ. ލައިބްރަރީތަކާއި އިސްލާމީ މަރުކަޒުތަކާއި އަދި އެ ނޫނަސް، އިސްލާމީ މުޖުތަމަޢުގެ އާންމު ބާއްޖަވެރިކަމަށް ބޭނުންވާ މާއްދީ މާނަވީ ފުރުސަތުތައް ވަޤުފުގެ ތެރެއިން އުފައްދައި އޭގެ މަންފާ އުއްމަތަށް ފޯރުވައިދެވިފައިވޭ." ރައީސް ވިދާޅުވި އެވެ.

އަލަށް އުފެއްދި ކުންފުނި ވެގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި އާބާތުރާ ފިލުވުމާއި މަރާމާތު ކުރުމާއި ވަގުފް އިމާރާތްތައް ބިނާކޮށް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކުންފުންޏެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މާތްﷲގެ ވާގިފުޅާއެކު މިއަދު މި އުފެއްދި ގައުމީ ވަގުފު ކުންފުނި ވެގެންދާނީ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް. އަޅުގަނޑުމެންގެ ހޭދަޔާއި ހެޔޮކަމުގެ ބުރަދަން ރަމްޒުކޮށްދޭ ތިލަފަތަކަށް. މި ކުންފުނި ވެގެންދާނީ އިރާދަކުރެއްވިއްޔާ ގައުމީ އިޖުތިމާއީ އަދި އުމްރާނީ ވެށްޓަށް ލިބޭ ހާއްސަ ޒީނަތަކަށް. 2040 ވަނަ އަހަރާ ހަމައަށް ދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ ތަރައްގީގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނޭ ވަސީލަތަކަށް." ރައީސް ވިދާޅުވި އެވެ.