ދިވެހިރާއްޖޭގައި މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިގެން އިންކަމް ޓެކްސް ދައްކަން ޖެހޭ ވަކިވަކި ފަރުދުންގެ އަދަދު 60،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ ދަފުތަރުގައި ޖުމްލަ 86،637 ފަރާތެއް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ އަމިއްލަ ފަރުދުންގެ ގޮތުގައި ނަންނޯޓު ކޮށްފައިވާ 60،489 މީހުންނާއި، ވިޔަފާރިތަކާއި ކުންފުނިތަކުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ 25،865 ފަރާތެކެވެ. މީގެ އިތުރުން މި އަހަރުގެ ތެރޭގައި އަށް ފަރުދަކާއި 21 ކުންފުންޏަކާ އެކު ޖުމްލަ 29 ފަރާތެއް ވަނީ ޓެކްސް ދައްކާ ފަރާތްތަކުގެ ދަފުތަރުން އުނިވެފަ އެވެ.

އިންކަމް ޓެކްސް ގާނޫނުގެ ދަށުން، މުސާރަ އާއި އެކި އިނާޔަތްތަކުގެ ގޮތުގައި މަހަކު 60،000 ރުފިޔާއިން ފެށިގެން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ވިތުހޯލްޑިން ޓެކްސް އުނިކުރަން ފެށީ 1 އޭޕްރީލް 2020 ގައެވެ. މިގޮތުން މުވައްޒަފުންގެ މުސާރައިން ނަގާ ވިތުހޯލްޑިން ޓެކްސްގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އެއީ މުޅި ވިތުހޯލްޑިން ޓެކްސްގެ 55.2 އިންސައްތަ އެވެ.

އިންކަމް ޓެކްސް ގާނޫނުގައި ވާގޮތުން އަހަރަކު 720،000 ރުފިޔާއަށް ވުރެ ގިނައިން ޓެކްސް ނެގޭ އާމްދަނީ ލިބޭ ފަރާތްތަކާއި އަމިއްލަ ވިޔަފާރިތަކުން އިންޑިވިޖުއަލް އިންކަމް ޓެކްސް ދައްކަން ޖެހެ އެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޓެކްސް އަހަރަށް ބަލާއިރު މި ޝަރުތު ހަމަވެގެން 1،454 ފަރާތަކުން ޓެކްސް ބަޔާން ހުށަހަޅާފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު ހުށަހެޅި 1،397 ފަރާތާ އަޅާބަލާއިރު އިތުރުވުމެކެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވަކިވަކި ފަރުދުންގެ އަތުން ޓެކްސްގެ ގޮތުގައި 2025 ވަނަ އަހަރު 172.08 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ދައުލަތަށް ލިބުނު ޖުމްލަ އިންކަމް ޓެކްސްގެ 3.3 އިންސައްތަ އެވެ. ޓެކްސްގެ ބޮޑު އާމްދަނީއެއް ކުންފުނިތަކުން ހިއްސާކުރާއިރު، ވަކިވަކި ފަރުދުންގެ ޓެކްސް ރިޕޯޓުކުރުމުގައި އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައިވަނީ ތައުލީމީ ދާއިރާ އާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިންނެވެ.

މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަދަދު ހާމަވެފައިވާއިރު، މިފަދަ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ދިނުން ހުއްޓާލުމަށް ސަރުކާރުން މިހާރު ވަނީ ނިންމަވާފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އިންކަމް ޓެކްސް ދައްކާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން އާސަންދަ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން 60،000 ރުފިޔާއިން މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް މިހާރު އޮންނަ ފުލް ކަވަރޭޖް ދިނުން ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާރު އާސަންދަ ދެމުންދާ އުސޫލަކީ އެންމެ އިންސާފުވެރި އަދި އެންމެ އެކަށީގެންވާ ގޮތް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ފަންނީ މާހިރުން ވެސް ގަބޫލެއް ނުކުރެ އެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އާސަންދައިގެ ހިދުމަތް ދެވޭނީ "ކޯ-ޕޭ" އަދި "ޕްރީ-ޕޭ" ގެ އުސޫލުން ނުވަތަ އަހަރަކު ވަކި ފީއެއް ސަރުކާރަށް ދައްކައިގެން ކަމަށް ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.