އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ތަހުގީގު އިދާރާތަކަށް ފާޑު ވިދާޅުވަމުން ގޮސް އޭނާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއްޖެ އެވެ.

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހަޅާ މައްސަލައިގެ މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކޮށްގެން ކުރިއަށް ގެންދިޔަ ބަހުސްގައި އެމްޑީޕީއަށް ނިސްބަތްވާ ވައްޑޭ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ރީނދޫ ޓައި އަޅައިގެން އެމްޑީޕީ މެމްބަރުން އެ ހަމަލާ ކުށްވެރި ކޮށްކޮށް ތިބީ ކަމަށެވެ.

ވާހަކަ ދައްކަވަމުން ވައްޑެ އިތުރަށް ވިދާޅުވީ، ގައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ވަގުތުން ވަގުތަށް މިނިސްޓަރުން ހާޒިރުކުރުވައިގެން މައުލޫމާތު ސާފުކުރާކަން ފާހަގަކުރައްވާ ކަމަށާއި، ނަމަވެސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ މައުލޫމާތު ސާފުކުރަން މަޖިލިސް ނުކުޅެދިފައިވާ ކަމަށެވެ. އަދި ނަޝީދުގެ ސެކިއުރެޓީ ވަރުގަދަކޮށްފައި ވަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު، މާލޭގެ އެންމެ ކާރޫބާރު ބޮޑު މަޖިީދީ މަގުގައި އެންމެ މީހުން ގިނަ ވަގުތު ބޮމެއް ގޮއްވާލައިގެން ހަމަލާ ދެވުމަކީ ސަލާމަތީ ބާރުތަކުން ލަދު ގަންނަންޖެހޭ ކަމެއް ކަމަށް ވައްޑެ ދިޔައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ވައްޑޭ ވިދާޅުވީ ގައުމުގައި ހިނގައިގެން މިއުޅެނީ އާދައިގެ ކަމެއް ނޫން ކަމަށާއި، އެކަމާ ގުޅޭ ސާފު ތެދު މައުލޫމާތު މިއަށް ވުރެ ބޮޑަށް މަޖިލީހަށް ހޯދޭނެ ކަމަށެވެ. އަދި ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްނަންގަވައިގެން އިންޓެލިޖެންސްގެ އޮޑިޓު ހަދަން ކުރަމުންދާ މަސައްކަތަށް ވެސް ވައްޑެ ފާޑު ވިދާޅުވި އެވެ. އެއަށްފަހު ވިދާޅުވީ 11 ދުވަސް ފާއިތު ދިޔައިރު ވެސް ތަހުގީގު އިދާރާތަކަށް އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.

އޭނާ ވަނީ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އިތުރުން ޔާމީން ރަޝީދު މަރާލަން މީގެ ކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކައިފަ އެވެ.

ވައްޑެ ވިދާޅުވީ އެކަންކަން ތަހުގީގުކުރާތާ އެތައް އަހަރެއްވެފައިވާއިރު، ރައްޔިތުންނަށް އަދިވެސް އެކަމުގެ ކޮޅެއް މެދެއް ވެސް ނޭނގޭ ކަމަށެވެ.

"މާތްކަލާނކޯ މިކަން އެގޮތަށް ވެގެން ގޮސްފިއްޔާ މިގައުމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. އަޅުގަނޑުމެން ނަފްސަށާ އެކީ ލަދުވެތި ކަމާއެކީ މި ވާހަކަ މި ދައްކަނީ،" އަޑަށް ވަރަށް ބާރުލައްވައި އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާގެ ސަބަބުން ވައްޑޭ ވަނީ އެމްޑީޕީ މިހާރު ނުފެންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން ތަޅުމުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް އަތުން އިޝާރާތް ކުރައްވައި ވައްޑޭ ވިދާޅުވީ ނަޝީދަށް މިވަރުގެ އަނިޔާއެއް ދީގެން އުޅޭއިރު އެމްޑީޕީ ކޮބައިތޯ އައްސަވައިފަ އެވެ.

"އެމްޑީޕީއަކަށް މި ގައުމަކަށް މިއަށް ވުރެ ބޮޑު އިހުތިޖާޖެއް ކުރަންޖެހޭ ހާލަތެއް ނާންނާނެ. މިއަށް ވުރެ ބޮޑަށް މުޒާހަރާ ކުރަންޖެހޭ ހާލަތެއް ނާންނާނެ. އަޅުގަނޑު އެމްޑީޕީގެ މެމްބަރުންނަށް ގޮވާލަން އިހުތިޖާޖަށް ނުކުންނަވާށޭ. މިކަން ސާފު ވަންދެން. މިކަން ކޮޅެއްގައި ޖެހެންދެން،" ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި އޭނާ ގޮވާލެއްވި އެވެ.

"މިފަހަރު އެމަނިކުފާނު ގަދަވެގެން އެނބުރި އަޔަސް، ދެން މިކަން ނުބެލި، ފިޔަވަޅު ނޭޅިއްޖެ ނަމަ ދެން އެމަނިކުފާނަށް ދޭ ހަމަލާއެއްގައި އެމަނިކުފނު ލައިގެން ހުރި ހެދުންކޮޅުގެ ރޮދި ފަށެއް ވެސް އަޅުގަނޑުމެންނަށް އަތުވާނެ ކަމެއް."

މިހާރު ސޯޝަލް މީޑިއާއިން ފެންނަނީ "ޕްރޭ ފޯ ޕްރެޒިޑެންޓް، މިސް ޔޫ ޕްރެޒިޑެންޓް ނަޝީދު، ހައު އާ ޔޫ ޕްރެޒިޑެންޓް" ކިޔާފައި ދުއާކުރާ މަންޒަރު ކަމަށް ވައްޑޭ ވިދާޅުވި އެވެ. އަދި ދުއާ ކުރުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭކަމެއްގެ ގޮތުގައި މަސައްކަތް ކުރުން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ތަހުގީގު އިދާރާތަކަށް 11 ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ހަމަލާއާ ގުޅިގެން މައުލޫމާތު ހޯދިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.