ހޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ޒެންޑޭޔާއާއި ޓޮމް ހޮލެންޑްގެ ކައިވެންޏާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް، ބަތަލާގެ މަޝްހޫރު ސްޓައިލިސްޓް ލޯ ރޯޗް ނިމުމެއް ގެނެސްފި އެވެ.

ރޯޗް ބުނެފައވާ ގޮތުގައި އެ ދެ ތަރިން ކައިވެނި ކޮށްގެން އުޅޭ ކަމަށް އަޑުތައް ފެތުރުނު ނަމަވެސް މިހާތަނަށް އެ ދެމީހުން ރަސްމީ ކައިވެނީގެ ހަފްލާއެއް ބާއްވާފައެއް ނުވެ އެވެ.

ފަހަކަށް އައިސް އިންޓަނެޓުގައި ޒެންޑޭޔާ ކައިވެނި ހެދުމެއްގައި ހުރި ކަމަށް ދައްކުވައިދޭ އޭއައިއިން އުފައްދާފައިވާ ފޭކް ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ.

މި ފޮޓޯތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ދެމަފިރިން ސިއްރުން ކައިވެނި ކޮށްފައިވާ ކަމަށް ބުނެ ވާހަކަ ދައްކަން ފަށާފަ އެވެ.

އެމީހުންގެ ސްޓައިލިސްޓް ލޯ ރޯޗް ފާހަގަ ކޮށްފައިވާ ގޮތުގައި، ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ކައިވެނީގެ ފޮޓޯތަކަކީ މުޅިން ހަދައިގެން އުޅޭ އެއްޗެެއް ކަމަށާއި އެއީ އެއްވެސް އަސާސެއް ނެތް ވާހަކަ ތަކެކެވެ.

މީގެ ކުރިން ވެސް ލޯ ރޯޗް ދެއްކި ވާހަކަތަކެއްގެ ސަބަބުން މި ދެ ތަރިންގެ ކައިވެންޏާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވިފައިވެ އެވެ.

ނަމަވެސް ޒެންޑޭޔާ އާއި ޓޮމް ހޮލެންޑް ވެސް ވަނީ މީގެ ކުރިން އާންމުކޮށް ދެއްކި ވާހަކަތަކުގައި، އެމީހުންގެ ކައިވެންޏާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ތެދެއް ނޫންކަން ހާމަކޮށްފަ އެވެ.

އެއާއެކު އޭއައި މެދުވެރިކޮށް އުފައްދާފައިވާ މިފަދަ ފޮޓޯތަކުގެ ސަބަބުން އާއިލާ މީހުންނާއި ރައްޓެހިންނަށް ވެސް އޮޅުން އަރާފައިވާ ކަމަށް އެމީހުން ބުނެފައިވެ އެވެ.

"ސްޕައިޑަ-މޭން" ފިލްމުތަކުން އެކުގައި ފެނިގެންދިޔަ މި މަޝްހޫރު ޖޯޑަކީ ހޮލީވުޑްގައި އެންމެ ގިނަ މީހުންގެ ލޯބި ލިބިފައިވާ އަދި އެންމެ ޑިމާންޑް ބޮޑު އެއް ޖޯޑު ކަމަށްވުމާއެކު، އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް އަބަދުވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބެމުންދެ އެވެ.