ފުވައްމުލަކު ބޭރަށް ޑައިވިން އަށް ފޭބި ޓޫރިސްޓަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ މީހާ ހޮސްޕިޓަލަށް ގެނައީ ހެނދުނު 9:02 ގައި ކަމަށެވެ. އަދި ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެ އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާގައި މަރުވީ ކަޒަކިސްތާނަށް އުފަން 54 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ހަށިގަނޑު މިވަގުތު އޮތީ އެ ރަށު ހޮސްޕިޓަލުގައި ބާއްވައިފަ އެވެ.

"އެ މީހާ ހޮސްޕިޓަލަށް ގެނައި އިރު ވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށް ޑޮކްޓަރު ބުނޭ. އެހެންވީމަ ބޮޑަށް ބެލެވެނީ ގެނައިއިރު އޮތީ މަރުވެފައި ކަމަށް،" ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.

އެ މީހާ ޑައިވިންއަށް ދިޔައީ މިއަދު ހެނދުނު 8 ޖަހާކަން ހާއިރު ކަމަށް ވެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 9:18 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުވައްމުލައް ސެންޓްރަލް ޑައިވް އިން ކުރިޔަށް ގެންދިޔަ ޑައިވްގައި ބައިވެރިވި އެ މީހާ ކުރީ ޓެކް ޑައިވެއް ކަމަށްވެ އެވެ. އަދި މި ހާދިސާ ހިނގިއިރު އެ މީހާ މި ޑައިވްކުރަން ގާތްގަނޑަކަށް 90 މީޓަރު އަޑިއަށް ދިޔަ ކަމަށް ވެ އެވެ.

މިޔަރު ބަލަން ޑައިވިންއަށް މަޝްހޫރު ފުވައްމުލަކުގައި ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި އެކިއެކި ހާދިސާތައް ހިނގަ އެވެ. ނަމަވެސް މިފަހަކަށް އައިސް ގެނބިގެން ޓޫރިސްޓަކު މަރުވި ކަމެއް އެނގިފައެއް ނުވެ އެވެ.

ގިނަ އަދަދެއްގެ ޓޫރިސްޓުން ޑައިވްކުރާ ރަށުގައި ޑީކޮމްޕްރެޝަން ޗެމްބަރެއް ގާއިމުކޮށް ދިނުމަށް މިރަށުގެ ޑައިވް ސެންޓަރުތަކުން ސަރުކާރުގައި އެދިފައިވެ އެވެ. އަދި އެފަދަ ޗެމްބަރެއް ގާއިމުކޮށްދޭން މި ސަރުކާރުން ވެސް ވައުދުވި އެވެ.