ވިލިމާލޭގެ ކުޑަކުދިންގެ ޕާކެއްގެ ތެރޭގައި ހުރި ދުވަސްވީ ބިޔަ ނިކަގަހެއް ބަޔަކު ވަގަށް ކަނޑާލި މައްސަލަ ނުބަލަން ފުލުހުން ނިންމައިފި އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި، އެ ނިކަގަހުގެ ބޮޑު ބައެއް ވަނީ ބަޔަކު ކަނޑާލާފަ އެވެ. އެއީ އެ ސަރަހައްދުގެ މާހައުލަށް ހިޔާވަހިކަމާއި ފެހިކަން ގެނެސްދިން ފުދޭވަރަކަށް ބޮޑު ގަހެކެވެ.
މި މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އޭރު ބުނެފައިވަނީ އެ ގަސް ކަނޑާލާފައިވަނީ ކައުންސިލްގެ ހުއްދަ އަކާ ނުލައި ކަމަށެވެ. އަދި އެ އަމަލު ހިންގި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކައުންސިލުން އޭރު ހާމަކޮށްފައިވެ އެވެ.
މި ގަސް ކަނޑާލާފައިވަނީ ވިލިމާލޭގައި ފްލެޓު އެޅުމުގެ މަޝްރޫއަކާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ވެހިކަލް ދުއްވުން މަނާ އެ ރަށުގެ ފެހިކަން ގެއްލިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އަނެއް ބަޔަކު ތާއީދުކުރަނީ ތަރައްގީގެ މަޝްރޫއުތަކަށެވެ.
ފުލުހުން ބުނީ ވިލިމާލޭގައި ހުރި ނިގަކަސް ކަނޑާލި މައްސަލަ އެ މުއައްސަސާއަށް ހުށަހެޅިފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންނުދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން މިހެން ބުންޏަސް ފުލުހުންނަކީ ހަމައެކަނި މައްސަލައެއް ހުށަހެޅުނީމަ އެ މައްސަލައެއް ތަހުގީގު ކުރުމުގެ މެންޑޭޓް އޮންނަ ބައެއް ނޫނެވެ.
ކުށެއް ކުރި ކަމުގެ މައުލޫމާތު ލިބިއްޖެނަމަ، އެ މައްސަލައެއް ތަހުގީގު ކުރުމަކީ ފުލުހުންގެ ގާނޫނީ ޒިންމާއެކެވެ.
މި މައްސަލައާ ގުޅިގެން ރަށުގެ ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ، މީގެ ކުރިން މުޒާހަރާތައްވެސް ކޮށްފައިވެ އެވެ. އަދި މިއަހަރުގެ ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު ވަނީ ވިލިމާލޭގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، އެ ރަށުގައި ހުރި އެ ބޮޑު ނިކަގަހާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއްވެސް ނަންގަވާފަ އެވެ.
އެ ވޯޓުން ނިންމީ އެ ގަސް ކަނޑާލުމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުގެ ނުރުހުން ސަރުކާރަށް އަމާޒުވެދާނެތީ އެ ގަސް ސަރުކާރުން ކަނޑާފައެއްނުވެ އެވެ.
ބޮޑެތި ބައެއް މީޑިއާތައް ވައިޓް ހައުސްއަށް ވަނުން މަނާކޮށްފި
އުސްފަސްގަނޑު ބަޖިޔާ ގާތަކުގައި ތާށިވި މީހާ ސަލާމަތްކޮށްދީފި
