އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ މެދު އޮތް ހިޔާލުތަފާތުވުންތަކުގެ ތެރެއިން، ސީއެންއެން އާއި އެމްއެސް ނައު އަދި ޕޮލިޓިކޯ، ވައިޓް ހައުސްއަށް ވަނުން މަނާކުރިކަން އެމަނިކުފާނު އިއުލާނު ކުރައްވައިފި އެވެ.

ހުކުރު ދުވަހު ޓްރަމްޕްގެ އަމިއްލަ ސޯޝަލްމީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރުތު ސޯޝަލް ގައި ހާމަކުރެއްވި ގޮތުގައި، މި ނިންމުން ނިންމެވީ އެ މީޑިއާތަކުން އެމަނިކުފާނުގެ ވެރިކަމާ މެދު މެދުނުކެނޑި ދޮގު ވާހަކަތަކާއި ހަދަހަދައިގެން ހަބަރު ފަތުރަމުންދާތީ އެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ނުވަތަ މިސާލެއް އެމަނިކުފާނު ނުދައްކަވަ އެވެ.

މި ނިންމުމަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން މިއީ ވަރަށް އާދައިގެ މަނާކުރުމެއް ކަމަށް ވިދާޅުވި ނަމަވެސް، އެކަން ކުރިއަށް ގެންދާނެ ސާފު އުސޫލެއް ހާމަކުރައްވާފައެއް ނުވެ އެވެ. އެހެންކަމުން އެ މީޑިއާތަކުގެ ނޫސްވެރިންނަށް ވައިޓް ހައުސްއަށް ވަނުމުގެ ފުރުސަތު މުޅިން ބަންދުވާނެ މިންވަރެއް އަދި ސާފެއް ނުވެ އެވެ.

މި ފިޔަވަޅަކީ އެމެރިކާގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ގާނޫނާ ހިލާފު ހަމަލާއެއް ކަމަށް ބުނެ ސީއެންއެން އިން ވަނީ ވަގުތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މި މައްސަލައިގައި ކޯޓަށް ދިއުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް، މި އެންގުމަށް ފަހު ވެސް ޕޮލިޓިކޯ އާއި ސީއެންއެންގެ ނޫސްވެރިން ވައިޓް ހައުސްގައި ހަރަކާތްތެރިވަމުން ދިޔަ އެވެ. މީގެ އިތުރުން އައިއޯވާގައި އޮތް ހަރަކާތެއްގައި ނައިބު ރައީސް ޖޭޑީ ވެންސްއާ އެކު ވެސް ސީއެންއެންގެ ޓީމެއް ބައިވެރިވި އެވެ.

ސީއެންއެން އިން ބުނީ، ސަރުކާރުގެ ނުފޫޒެއް ނެތި ހަބަރު ފެތުރުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމަށާއި، މި ފިޔަވަޅާ ދެކޮޅަށް ތެދުވާނެ ކަމަށެވެ. ޕޮލިޓިކޯ އިން ވެސް ބުނީ، ގާނޫނުއަސާސީން ލިބިދޭ މިނިވަންކަން ދިފާއުކޮށް، ސަރުކާރުގެ ކަންކަން އިންސާފުވެރިކަމާ އެކު ރިޕޯޓު ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، ރައީސާއި ސަރުކާރާ ދެކޮޅަށް ދޮގު ހަދަން ފުރުސަތު ނުދެވޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ލިސްޓަށް އިތުރު މީޑިއާތައް ވެސް އިތުރުވެދާނެ ކަމަށެވެ.

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ ރައީސާ ޖެކީ ހައިންރިކް ވިދާޅުވީ، މިއީ ހަމައެކަނި ނޫސްވެރިންގެ ހައްގެއް ނޫން ކަމަށާއި، ވެރިންގެ ސިޔާސަތުތައް މިނިވަންކަމާ އެކު ބެލުމަށް އާންމު ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

ޖެނުއަރީ 2025 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޓްރަމްޕް ވަނީ މީޑިއާތަކާ ދެކޮޅަށް އެކި ފިޔަވަޅުތައް އަޅުއްވަން ފައްޓަވާފަ އެވެ. އެގޮތުން، ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ނޫސްވެރިންގެ އުސޫލުތައް ބަދަލުކޮށް، އަމިއްލަ ބްލޮގަރުންނަށް ޖާގަ ދިނުމާއި، "ގަލްފް އޮފް މެކްސިކޯ" ގެ ނަން ބޭނުންކުރުމުން އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިން މަނާކުރުން ފަދަ ކަންކަން ހިމެނެ އެވެ. އަދި އެ މައްސަލަ ވެސް މިހާރު ދަނީ ކޯޓުގައި ހިނގަމުންނެވެ.