ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންއަށް ފުރައްސާރަކުރުމުގެ ގޮތުން "ކާޅަށް ގޮވުމުން" އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ސޯޝަލް މީޑިއާގައި އޭނާ ލަދުގަންނަވާލައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަނިކުފާނުގެ ނައިބު ރައީސް ވަހީދު 2012 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމުން އެ ޕާޓީގެ ގިނަ ބައެއްގެ ފުރައްސާރަ އާއި މަލާމާތް ޑރ. ވަހީދަށް ކުރިމަތިވި އެވެ. ވަހީދަށް ގޯނާކުރުމާއި ތަފާތު ހުތުރު ބަސްތަކުން އެ މަނިކުފާނަށް މުހާތަބު ކުރުން އޭރު އެމްޑީޕީ ތެރޭގައި ވަނީ އާއްމުވެފަ އެވެ. އެގޮތުން ޑރ. ވަހީދަށް އަމާޒުކޮށް އެމްޑީޕީ މެމްބަރުން ދިޔައީ ކާޅަށް ގޮވަމުންނެވެ.
ޑރ. ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ، ސިފައިންނާއި ފުލުހުން އެ ދުވަސްވަރު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނުކުމެ ހިންގި ކަންތައްތަކުގެ ތެރެއިން ބަޣާވަތަކުން ކަމަށް އެމްޑީޕީން ގަބޫލުކުރެ އެވެ. ނަމަވެސް ނަޝީދު އިސްތިއުފާ ދެއްވި ދެއްވުން ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ނިންމާފައި ވަނީ އެއީ ބަޣާވާތެއް ނޫނެވެ. ނަޝީދު އިސްތިއުފާ ދެއްވީ އެ ކޮމިޝަނުން ނިންމާފައިވާ ގޮތުން ނަމަ އެއްވެސް މަޖުބޫރު ކަމެއް ނެތި އެވެ.
ވެރިިކަން އެގޮތަށް ބަދަލުވުމުން އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންނެކޭ އެއްފަދައިން ވައްޑެ ވެސް ވަނީ ވަހީދަށް ފުރައްސާރަކޮށް ގިނަ ޓުވީޓްތަކެއް ކުރައްވައިފަ އެވެ. އެފަދަ ބައެއް ޓުވީޓްތަކުގެ ސްކްރީންޝޮޓްތައް އިއްޔެ އާއި މިއަދު ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ޕޯސްޓު ކުރަމުންނެވެ.
އެ ޓުވީޓުތައް އިއްޔެ ފެންމަތިވުމާއެކު ވައްޑެ ވަނީ މުޅީން ހެން ހިމޭންވެ ލަދުގަނެފަ އެވެ. އެ ޓުވީޓުތަކުގައި ވައްޑެ ވަނީ ޑރ. ވަހީދަށް އަމާޒުކޮށް ކާޅަށް ގޮވައިފަ އެވެ.
ވައްޑެ ކުރިން ކޮށްފައިވާ ޓުވީޓުތަކުގެ ވާހަކަ އަލުން ދެކެވެން ފެށީ، ރުޅިވެރި ކަމާއި ނަފްރަތު އުފައްދަން ވާހަކަ ދެއްކުމަކީ ފަހަކަށް އައިސް ރާއްޖޭގައި ހިންގި އެކިިއެކި ޖަރީމާތަކުގެ އަސްލު ކަމަށް ވިދާޅުވެ، މަޖިލީހުގައި އިއްޔެ އާއި މިއަދު ވައްޑެ ވާހަކަ ދެއްކެވުމުންނެވެ. ނަމަވެސް ވައްޑެ ދެއްކި ވާހަކަތަށް އޭނާއާ އަރާ ހަމަކުރަން ނެގީ މަދު ގަޑިއިރުތަކެކެވެ.
މީހުން ފާޑު ކިޔަން ފެށުމުން ވައްޑެ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަހީދަށް ކާޅަށް ގޮވުނީތީ މިހާރު ދެރަވާ ކަމަށެވެ. އަދި ބުނީ ވަހީދަށް ނިސްބަތްކޮށް ކާޅަށް ގޮވަން ޖެހުނީ "ކާޅެއް ހެން" ނަޝީދުގެ ވެރިކަން ޖަހައިގަނެ އަނިޔާ ކުރުމުން ކަމަށެވެ. ނަމަވެސް ވައްޑެ ވަހީދުގެ ކިބައިން މާފަށް އެދުމުގެ ބަދަލުގައި ވައްޑެ ވިދާޅުވީ، ފުލުހުންނާއި ސިފައިން ނެރެގެން އެމްޑީޕީ މީހުންނަށް ދިން އަނިޔާ ހަދާން ނުނެތޭ ކަމަށެވެ.
ކާޅަށް ގޮވުނީތީ ދެރަވާކަމަށް ވައްޑެ ވިދާޅުވަމުން ޑރ. ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދު ވިދާޅުވީ "ކާޅަށް" ގޮވީ އޭނާގެ އާއިލާގެ ބޭފުޅުންގެ ކުލަ އަނދިރިވުމުން ކަމަށެވެ. އެމްޑީޕީގެ ސްލޯގަންއެއްގެ ގޮތުގައި "ކަޅު ކާޅު" ބޭނުންކުރީ ވަހީދު އާއިލާގެ ބޭފުޅުންގެ ހަމުގެ ކުލަ އަނދިރިކަން ބޮޑަށް ފާހަގަކުރަން ކަމަށް ވެސް ޖެފްރީ ވިދާޅުވި އެވެ.
ޖެފްރީ ވިދާޅުވީ އެމްޑީޕީން ވަނީ ނަޝީދުގެ އިިސްތިއުފާއާ ބެހޭ ގޮތުން ދޮގު ހަދައި ހަމަނުޖެހުން ހިތްވަރު ދީފައި ކަމަށެވެ. އެގޮތުން ޑރ. ވަހީދުގެ ވެރިކަމުގެ ދުވަސްވަރު "ތަޅާނެ ކުދިންކޮޅެއް" ހޯދަން ބޭނުންވާ ކަމަށް ބުނެ ނަޝީދު އާއި މާރިޔާ ދެމެދު ކުރެވުނު މުއާމަލާތް ފާހަގަކުރެވެ އެވެ.
ބާޢީ ވަހީދޭ ގޮވުންވެސް ވާނީ ކުށަކަށް. ލާދީނީ ކިއުން ކުށަކަށް ވަންޏާ. އަދި ހަރުކަށި ފިކުރޭވެސް ނުކިޔޭނެ. ހަމައެކަނި އިސްލާމްދީނާ ބީރައްޓެހި ވާހަކަ ދައްކާމީހުންނާ ދިމާއަށް ކިޔާއެއްޗެއް އެކަނި ކުށަކަށް ހެދިގެންނުވާނެ.