ސިނަމާލެ ބްރިޖްގެ ހުޅުލެއާ ވީކޮޅުން ވޯކްވޭ ބަންދުކުރުމަށް ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް، ފައިމަގުގައި ހުޅުލެ އާއި ހުޅުމާލެއަށް ދާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެގޮތަށް ބައެއް ފަރާތްތަކުން ބްރިޖް ހުރަސްކޮށް ހުޅުލެ އަދި ހުޅުމާލެއަށް ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސިނަމާލެ ބުރިޖާއި ހުޅުލެ އަދި ހައިވޭއާ ގުޅޭ ޓްރެފިކް ލައިޓް ހިމެނޭ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ފުލުހުން ވަނީ ބްރިޖްގެ ވޯކްވޭ ލައިޓާއި ހިސާބުން ބަންދުކޮށްފަ އެވެ.

ބްރިޖް ހުޅުވި ދުވަހުން ފެށިގެން ވެސް ބްރިޖާ ވީކޮޅުން ފައިމަގުގައި އެއާޕޯޓަށާއި ހުޅުމާލެއަށް ދިޔުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެކަން އާންމުންނަށް އެނގުމަށްޓަކައި އެތަނުގައި ބެރިކޭޑް ވެސް ބަހައްޓާފައިވެ އެވެ. އެހެން ނަމަވެސް އެ ބެރިކޭޑްތައް ހުރަސްކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް ކަނޑައަޅާފައިވާ ސަރަޙައްދުން ނިޝާންތައް ހުރަސްކޮށްދާ ފަރާތްތަކާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ، އެ ސަރަޙައްދުގައި "ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން" ހަރުކުރެވިފައިވާނެކަން ފުލުހުން ފާހަގަކުރެ އެވެ.

ކަސްރަތު ކުރުމަށާއި ހަވީރާއި ރޭގަނޑުގެ ގަޑިތަކުގައި ހިނގާލުމަށް ވެސް، އާންމުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ބްރިޖް މަތީގައި ހަރަކާތްތެރިވެ އެވެ.