ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ވިއްކާ ޕްރޮޕަޓީތައް ހިމެނޭ ބިމަކީ އަބަދުވެސް ދިވެހި ދައުލަތުގެ މިލްކެއް ކަމަށާއި، އެތަންތަން އޮޓޮމެޓިކުން ވާރުތަވާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރަސްމާލެއިން ޔޫއޭއީގެ ކުންފުންޏަކަށް ދޫކުރި ބިމާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން މީހަކު ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއުން މީހަކު ޕްރޮޕަޓީއެއް ގަތް ނަމަވެސް އެމީހެއްގެ މިލްކަކަށް ވާނީ ހަމައެކަނި އެ ޕްރޮޕަޓީ (އިމާރާތް) ކަމަށެވެ. އަދި އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކިއްޔާތެއްގެ ގޮތުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެފަދަ ޕްރޮޕަޓީއެއް އެހެން ފަރާތަކަށް ވިއްކާލެވޭނީ ނުވަތަ ވެރިފަރާތް މަރުވުމުން ވާރުތަވާނީ ވެސް ދިވެހި ސަރުކާރުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު ހުއްދަ ދިނުމުންނެވެ. އަދި އެ ހުއްދަ ދޫކުރާނީ ވެސް އެކަމަށް ކަނޑައެޅިފައިވާ ފީ ނެގުމަށްފަހުގައި ކަމަށްވާއިރު، އެއްވެސް ކަމެއް އޮޓޮމެޓިކުން ބަދަލުވެގެން ނުދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. މީގެ އިތުރުން، ރާއްޖޭގައި މިހާރު ވެސް ހިންގާ ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީ ވެސް މި އުސޫލުގެ ދަށުން ވިއްކައި، ބަދަލުކޮށް އަދި ވާރުތަވަމުން އަންނަ ތަންތަންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު، ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެ ގަންނަ މީހާއަށާއި އޭނާގެ އާއިލާއަށް އޮޓޮމެޓިކުން ރާއްޖޭގެ ވިސާ ލިބޭނެ ސަބަބެއް ނޫން ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ. ވިސާ ދިނުމާއި ކެންސަލްކުރުމުގެ ފުރިހަމަ ބާރު، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އޮންނާނީ މޯލްޑިވްސް އިމިގްރޭޝަނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ދައުލަތަކީ ފަހުރުވެރި މިނިވަން ދައުލަތެއްކަން ފާހަގަކުރައްވަމުން މުއްތަލިބް ވިދާޅުވީ، ގައުމު ތަނަވަސްވެ ތަރައްގީވަމުން ދިއުމަކީ ރާއްޖޭގެ އިސްތިގުލާލު ވަރުގަދަވެ، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެ އޮތުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖެ މުއްސަނދިވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މިވަގުތު ބޭނުންވަނީ ކުރު މުއްދަތުގެ މަންފާއެއް ނޫން ކަމަށާއި، އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ ދެމިގެންދާނެ ފަދަ ވަރުގަދަ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ.
ނަމަވެސް އީގަލް ހިލްސް އިން މި މަޝްރޫއާ ގުޅޭގޮތުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެތަނުން ވިއްކާ އެޕާޓްމަންޓެއް ނުވަތަ ބިމެއްގެ ފުރަތަމަ 99 އަހަރު ހަމަނުވަނީސް އެހެން ފަރާތަކަށް ވިއްކާލައިފި ނަމަ ނުވަތަ ވާރުތައިން ދީފި ނަމަ، އަލަށް އެތަން ގަންނަ ނުވަތަ ލިބޭ ފަރާތަކަށް އަނެއްކާވެސް އަލުން އިތުރު 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށިގެންދާނެ އެވެ.
ޖޭ-ޒީއަށް ކުރި ރޭޕްގެ ތުހުމަތު އަނބުރާ ގެންގޮސްފި
އީރާނުގެ ސުލްހައިގެ ޕްލޭނަށް ޓްރަމްޕް ދެކޮޅު ހަދައިފި
ކަނޑުއޮޅީގެ މަސްރަހު ހަމަޖެއްސުމަށް އެހީވާން ރަޝިޔާ ތައްޔާރު
ރަސްމާލެ އެއްބަސްވުމުގައި ކޮންމެ ބަދަލަކާއެކު އިތުރު 99 އަހަރު
ރަސްމާލެ އަބޫދާބީގެ ކުންފުންޏަކަށް ވިއްކާލައިފި