ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކުރޫޒްގެ އެންމެ ފަހުގެ ފިލްމު "ޑިގާ" އަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިއީ ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި ފިލްމު އެޅުވި ފުރަތަމަ ހަފްތާ ބަންދުގައި އޭނާގެ ފިލްމަކަށް އެންމެ ދަށް އާމްދަނީއެއް ލިބުނު ފަހަރެވެ.
އެލެހަންޑްރޯ އިނާރިޓޫ ލިޔެ ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ފިލްމަށް ރިލީޒްކުރި ފުރަތަމަ ހަފްތާ ބަންދުގައި އުތުރު އެމެރިކާއިން (އެމެރިކާ އަދި ކެނެޑާ) ލިބޭނެ ކަމަށް ލަފާ ކުރެވެނީ އެންމެ 8 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ޓޮމް ކުރޫޒްގެ ފިލްމަކަށް 10 މިލިއަން ޑޮލަރުވެސް ނުލިބި ދިޔަ ފުރަތަމަ ފަހަރެވެ.
ފިލްމީ ދާއިރާގެ ހަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، "ޑިގާ" އަށް މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބަކީ ފިލްމު ރިލީޒް ކުރުމުގެ ކުރިންނާއި ފަހުން ފިލްމު ކްރިޓިކުންގެ ފަރާތުން ލިބުނު ނެގެޓިވް ރިވިއުތަކެވެ. ގިނަ ފާޑުކިޔުންތެރިން ވަނީ މިއީ "ނާކާމިޔާބު މަސައްކަތެއް" ކަމަށް ސިފަކޮށްފަ އެވެ.
އެމެރިކާގެ އިތުރުން ބައިނަލްއަގުވާމީ މާކެޓްތަކުގައިވެސް މި ފިލްމަށް ލިބުނީ ވަރަށް ދަށް ތަރުހީބެކެވެ. ބޭރު ގައުމުތަކުން ފިލްމަށް ލިބިފައިވަނީ އެންމެ ހަތަރު މިލިއަން ޑޮލަރެވެ.
ޓޮމް ކުރޫޒްގެ ފިލްމުތަކަށް އާންމުކޮށް ބޮޑު ތަރުހީބެއް ލިބޭ އިންޑިއާގައިވެސް ފުރަތަމަ ދުވަހު މި ފިލްމަށް ލިބުނީ އެންމެ 65 ލައްކަ ރޫޕީސް އެވެ.
މިއީ އޭނާގެ އެންމެ ފަހުގެ ފިލްމު "މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކަނިންގް"އަށް އިންޑިއާއިން ފުރަތަމަ ދުވަހު ލިބުނު 19 ކުރޯޑު ރޫޕީސްއާ އަޅާބަލާއިރު ވަރަށް ކުޑަ އަދަދެކެވެ.
"ޑިގާ"އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުއިރު، އެ ހަފްތާގައި ރިލީޒްކުރި އޭން ހެތަވޭ އަދި ޑަކޯޓާ ޖޯންސަންގެ "ވެރިޓީ" ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.
"ވެރިޓީ" ވަނީ ފުރަތަމަ ހަފްތާ ބަންދުގައި 33 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފަ އެވެ. މިއީ "ޑިގާ" އަށް ލިބުނު އާމްދަނީއަށްވުރެ 4 ގުނަ އިތުރު އަދަދެކެވެ.
"ޑިގާ"އަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އުފައްދާފައިވާ ބްލެކް ކޮމެޑީ/ސަޓަޔާ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އަމިއްލައަށް އުފެއްދި ކާރިސާއަކުން ދުނިޔެ ސަލާމަތްކުރެވޭނީ ހަމައެކަނި އޭނާއަށް ކަމަށް ދުނިޔެއަށް ވިސްނައިދޭން މަސައްކަތްކުރާ ތެޔޮ ވިޔަފާރިވެރިއެއްގެ މައްޗަށެވެ.
ފިލްމުގައި ޓޮމް ކުރޫޒް ދައްކުވައިދީފައިވާ އެކްޓިންއަށް ކްރިޓިކުންގެ ތައުރީފު ލިބުނު ނަމަވެސް، ފިލްމުގެ އުފެއްދުންތެރިކަމާއި ވާހަކައަށް ލިބުނު ނޭދެވޭ ކޮމެންޓްތަކުގެ ސަބަބުން ބަޖެޓް ފަރުމާކުރި ވަރާ އަޅާބަލާއިރު ފިލްމަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އިމީލީގެ ކަށުނަމާދު މަޣްރިބު ނަމާދަށްފަހު
ރަންބީރުގެ "ރާމަޔާނާ"ގެ ސެޓުގައި އަލިފާނުގެ ހާދިސާއެއް!
ސަރުކާރުގެ ނިންމުން ބަދަލުކޮށް، އަބުޗާ އަލުން ޖަލަށް ގެންގޮސްފި