ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނާއި މެންބަރުންނަކީ ޒަމްޒަމް ފެނުން ފެންވަރައިގެން އައިސް ތިބި ސާފު ބައެއް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން އަބްދުއްލަތީފު ވިދާޅުވީ، މަޖިލީހުން ކުރަނީ ކޮން ކަމެއްތޯ ބަލައި ރައްޔިތުންގެ މެދުގައި ގިނަ ފަހަރަށް ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް، ޝަރުއީ ކޯޓުތަކުން ހުކުމްތައް އިއްވައި ކުށްވެރިންނަށް އަދަބު ކަނޑައަޅަމުން ދަނީ މި މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ ދަށުންކަން އޭނާ ހަނދާންކޮށްދެއްވި އެވެ.

މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންގެ ދިފާއުގައި ވާހަކަދައްކަވަމުން ލަތީފު ވިދާޅުވީ އެއީ އެއްވެސް އިރެއްގައި ހިޔާނާތްތެރިވާނެ ބައެއް ނޫން ކަމަށެވެ.

"އެހެންވީމަ ރައްޔިތުންގެ މަޖިލީހަކީ ސާފު ޒަމްޒަމް ވަޅު ފެނުން ފެންވަރައިގެން އައިސް ތިބި ބައެއް މި ތަނުގައި މި ތިބީ. އެހާވެސް ސާފު ބައެއް މި ތިބީ،" ލަތީފު ވިދާޅުވި އެވެ.

މީގެއިތުރުން، މި ބިލަށް ފުރިހަމައަށް ތާއިދުކުރައްވާކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން އެންމެ ލާރިއަކަށް ހިޔާނާތްތެރިވި ނަމަވެސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ މީހަކަށް ހައްގު އަދަބު ދޭނެ ކަމަށެވެ. އަދި ހިޔާނާތްތެރިވާ އެއްވެސް ފަރާތަކަށް ސަރުކާރުގެ މަގާމެއްގައި ދެމިނުހުރެވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ގައުމުގެ ތަރައްގީ އާއި ކުރިއެރުން ގުޅިފައިވަނީ ކޮރަޕްޝަނާއި މަކަރާއި ހީލަތްތެރިކަން ނައްތާލުމާ ކަމަށް ފާހަގަކުރައްވައި ލަތީފު ވިދާޅުވީ، ކުށްކުރާ ފަރާތްތަކަށް އަދަބު ދިނުމުގައި މި ސަރުކާރުން މޫނަކަށް ކަނދުރާއަކަށް ނުބަލާނެ ކަމަށެވެ. އަދި މި ބިލު ފާސްވެ ގާނޫނަކަށް ވުމުން، ގައުމުގައި ހުރި ނުރަނގަޅު އާދަތައް ނެތިގޮސް ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެންބަރު އަބްދުއްލަތީފު މަޖިލީހަކީ ސާފު ތަނެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް، މަޖިލީހުން ރައްޔިތުން އެދޭ ފަދަ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އަބަދުވެސް މަޖިލީހަށް އަމާޒުވެ އެވެ. މީގެއިތުރުން، ކޮންމެ ދައުރެއްގައި ވެސް މަޖިލީހުގެ އެކި މެންބަރުންނަށް ކޮރަޕްޝަނާއި ރިޝްވަތުގެ ބޮޑެތި ތުހުމަތުތައް އަންނަނީ ކުރެވެމުންނެވެ.