ރަސްމާލޭގައި ބޮޑު ޝަހަރެއް ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުށަހަޅާފައިވާ މަޝްރޫއުއާ ބެހޭ މައުލޫމާތު ސަރުކާރުގެ އިސްވެރިންނަށް ދިނުމަށް އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ރާއްޖެއަށް ވަޑައިގެންފި އެވެ.

ރަސްމާލޭގައި ވޯޓާފްރަންޓް އެންޑް މެރީނާއެއް ހިމެނޭ ގޮތަށް ބޮޑު ޝަހަރެއް ތަރައްގީކުރުމާ ގުޅޭގޮތުން ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދިނުމަށް މުހައްމަދު އަލައްބާރުގެ މި ދަތުރުގައި ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުންތައް ކުރިއަށްދާނީ ފޭދޫފިނޮޅުގައި ތަރައްގީކޮށްފައިވާ ޑުސިތު ޑީޓޫގަ އެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވަކިވަކިން ބާއްވާ ބްރީފިންތަކުގެ ތެރެއިން މަޖިލިސް މެންބަރުންނަށް މައުލޫމާތު ދިނުން އޮންނާނީ މާދަމާ ހަވީރެވެ. އަދި ކެބިނެޓުގެ މިނިސްޓަރުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގަނޑު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި ބައްދަލުވުންތަކާއި މި ދަތުރާ ގުޅޭ އެންމެހައި ހަރަދުތައް ހަމަޖައްސަމުން ދަނީ އީގަލް ހިލްސް ކުންފުނީގެ ފަރާތުންނެވެ. ސަރުކާރުން މި މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާއިރު، މި ބިންތައް ދޫކޮށްލާގޮތުން ދިވެހިންގެ އަތުން ތާއަބަދަށް ބިންތައް ބީވެގެން ހިނގައިދާނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް މިކަމާ ދެކޮޅު ހަދަމުންނެވެ.

ނަމަވެސް ސަރުކާރާއި ޕީއެންސީގެ މެންބަރުން ވަކާލާތުކުރަމުންދަނީ މިއީ ރާއްޖޭގެ އިގުތިސޯދަށް ކޮންމެހެން ބޭނުންވާ، އިޖުތިމާއީ އަދި އިގުތިސޯދީ ބޮޑެތި މަންފާތަކެއް ލިބޭނެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިފަދަ މަޝްރޫއުތަކަކީ ގައުމު ތަރައްގީގެ އިތުރު ހަރުފަތަކަށް ގެންދިއުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށް ސަރުކާރުން ބުނެ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ރަސްމާލެއިން އީގަލް ހިލްސްއަށް ދޫކުރަނީ 500 ހެކްޓަރުގެ ބިމެެވެ. ބިދޭސީންނަށް އަމާޒުކޮށްގެން ޒަމާނީ ޝަހަރެއް ތަރައްގީކުރުމަށް އެ ކުންފުނިން 12 ބިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައިވާއިރު، މި ތަންތަން ވިއްކައިގެން ލިބޭ އާމްދަނީން ދައުލަތަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.