މާވެލް ސިނެމެޓިކް ޔުނިވާސްގެ މަޝްހޫރު ފިލްމު "އެވެންޖާސް: އެންޑްގޭމް" އަލުން ސިނަމާތަކުގައި ދައްކަން ފެށުމާއެކު، ޖޭމްސް ކެމެރޮންގެ "އެވެޓާ" ފަހަތަށް ޖައްސާލައި، ދުނިޔޭގެ ތާރީހުގައިވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑު އެ ފިލްމުން ދެވަނަ ފަހަރަށް ހޯދައިފި އެވެ.
2019 ވަނަ އަހަރު ރިލީޒްކުރި މާވެލްގެ މި ބްލޮކްބަސްޓާ ފިލްމަށް މިހާތަނަށް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.925 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. މިއާއެކު އެ ފިލްމުން ވަނީ 2.923 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ "އެވެޓާ"އަށްވުރެ ކުރިހޯދާފަ އެވެ.
މި ދެ ފިލްމަކީވެސް ވޭތުވެދިޔަ އަހަރުތަކުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމަށް ވާދަ ކުރަމުން އައި ދެ ފިލްމެވެ.
2009 ވަނަ އަހަރު ރިލީޒްކުރި "އެވެޓާ" ވަނީ ގާތްގަނޑަކަށް 10 އަހަރު ވަންދެން އެއްވަނައިގައި ހިފަހައްޓާފަ އެވެ. ނަމަވެސް، 2019 ވަނަ އަހަރު "އަވެންޖާސް: އެންޑްގޭމް" ރިލީޒް ކުރުމާއެކު އެ ފިލްމުން ވަނީ އެވެޓާގެ ރެކޯޑު މުގުރާލާފަ އެވެ.
އޭގެ ފަހުން 2021 ވަނަ އަހަރު "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ރިލީޒް ކުރުމުގެ ކުރިން "އެވެޓާ" ފިލްމު އަލުން ސިނަމާތަކުގައި ދައްކަން ފެށުމުން، އެ ފިލްމުން ވަނީ އަލުން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު އަތުލާފަ އެވެ.
ނަމަވެސް، މި ފަހަރު ޑިޒްނީއިން "އެވެންޖާސް: އެންޑްގޭމް" އަލުން ސިނަމާތަކަށް ނެރުމާއެކު، މާވެލްގެ ސުޕަހީރޯއިން ވަނީ އަނެއްކާވެސް އެވެޓާ ފަހަތަށް ޖައްސާލައި، ބޮކްސް އޮފީހުގެ އެންމެ މަތީ ޖާގަ ކަށަވަރު ކޮށްފަ އެވެ.
އައިނު އަޅަންޖެހޭ ކުޑަ ކުދިންގެ އަދަދު އިތުރުވަނީ ކީއްވެ؟
ފިލްމީ ދާއިރާގެ ތިން މީހަކު ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރު