ހުޅުމާލޭގައި އެކްސިޑެންޓް އިތުރުވަމުންދާތީ، އާންމުންގެ ކަންބޮޑުވުންތަކަށް ބެލުމަށްފަހު އެޗްޑީސީން އެ ސަރަހައްދުތަކުގައި ތާރު ބްރޭކަރު ހަރުކުރަން ފަށައިފި އެެވެ.

މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ބްރޭކަރު ހަރުކޮށްފައިވަނީ ނިރޮޅުމަގުން ހައިވޭއަށް އަރަންދާ ފަޅީގަ އެވެ. މީގެ ކުރިން ހަރުކުރި ރަބަރު ސްޕީޑްބްރޭކަރުތަކުން މީހުންނަށް ގެއްލުންވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރުމާ ގުޅިގެން އެ ތަކެތި ވަނީ ކުރިން ނަގާފަ އެވެ.

ކުރިން ހަރުކުރި ރަބަރު ބްރޭކަރުތަކަކީ ތާރުގަނޑު ތޮރުފައިގެން ހަރުކޮށްފައިވާ އެއްޗެއް ކަމުން، އޭގެ ސަބަބުން ދުއްވާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާއި ވޭންތައް ލިބޭ ކަމަށް އާންމުން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވުމުން ރައީސް މުހައްމަދު މުއިއްޒު މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ފުރުސަތުތަކުގައި ވެސް އެކަން ހައްލުކޮށްދިނުމަށް އެދުނެވެ.

ހުޅުމާލޭގެ މަގުތަކަކީ ބާރަށް ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ސަރަހައްދަކަށްވާތީ، މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. އާ ސްޕީޑްބްރޭކަރުތަކާއެކު އުޅަނދުފަހަރުގެ ސްޕީޑު މަޑުޖެއްސި، މަގުތަކުގެ ސަލާމަތްތެރިކަން ބޮޑުތަނުން ކަށަވަރުވެގެންދާނެ ކަމަށް އެޗްޑީސީން އުންމީދުކުރެ އެވެ.