ސިންގަޕޫރުން ގެންނަން ފައިސާ ދައްކާފައިވާ އެސްޓްރާޒެނެކާ ވެކްސިނާ ގުޅޭއާ އިތުރު މައުލޫމާތެއް މިވަގުތު ނެތް ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.

މިރޭގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ހުރިހާ"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްއީއޯސީ ޕްރެސްގައި ބައިވެރިވި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، އެސްޓްރާޒެނެކާ ވެކްސިނާ ގުޅޭ ގޮތުން ދެވެން ހުރި މައުލޫމާތަކީ މީގެ ކުރިން ހެލްތު މިނިސްޓްރީން ދީފައިވާ ޖަވާބު ކަމަށެވެ.

އެސްޓްރާޒެނެކާ ވެކްސިނާ ގުޅޭގޮތުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެފައި ވަނީ އެސްޓްރާޒެނެކާ ވެކްސިން އަންނަ ޖޫން މަހު ލިބޭނެ ކަމަށެވެ. ހެލްތު މިނިސްޓްރީން ރާއްޖެއަށް ގެންނަން އޯޑަރު ދީފައި ވަނީ 700،000 ޑޯޒު އެސްޓްރާޒެނެކާ ވެކްސިން އެވެ.

"ހުރިހާ" އިން ކުރި ސުވާލަކީ، ކޮވިޑް-19ގެ ސަބަބުން އިންޑިއާގެ ހާލަތު ގޯސްވެފައިވާތީ އެ ގައުމުން ކޮވިޝިލްޑް ވެކްސިން ގެންނަން އުދަނގޫވާނެ ކަން އެނގޭ ކަމަށާއި ނަމަވެސް ސިންގަޕޫރުން ގެންނަން ފައިސާ ދައްކާފައިވާ އެސްޓްރާޒެނެކާ ވެކްސިން ނުގެނެވި ލަސްވާން ޖެހޭ ސަބަބަކީ ސަރުކާރުގެ ފެއިލްވުމެއްތޯ އެވެ.

އެ ސުވާލަށް ފުރިހަމައަށް ޖަވާބު ދިނުމަށް މަބްރޫކް ވަނީ ނުކުޅެދިފަ އެވެ. މީގެ އިތުރުން މިނިސްޓަރު ނަސީމު މީޑިއާ އާއި ބައްދަލު ނުކުރައްވާތީ އެކަމާ ގުޅޭގޮތުން ސުވާލުުކުރުމުން މަބްރޫކް ވިދާޅުވީ، މިނިސްޓަރު ނަސީމު ވަރަށް ބުރަކަށް އެޗްއީއޯސީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ނަސީމް ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.