ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވަނީ އެކަން ކަށަވަރުކޮށް ދެއްވާފަ އެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މެންބަރު އީސައާއި ގުޅޭ ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅިފައިވާތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ބަޝީރު ވިދާޅުވީ އީސައާ ދެކޮޅަށް ފިޔަވަޅު އެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެއަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި ތަހުގީގު ހިނގަމުންދާ މައްސަލަ އަކަށް ވާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
އީސަގެ ގެވެށި އަނިޔާގެ މައްސަލަ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭނާ ދިިރިއުޅޭ އިމާރާތުގެ އެހެން ފްލޯއެއްގައި އުޅުނު ބައެކެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވަމުން ގެންދަވާ އީސައާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކީ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލަ އެވެ. އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމާ އެވެ. މިއީ އީސަގެ ތިންވަނަ ކައިވެންޏެވެ. އަސްރާގެ ފުރަތަމަ ކައިވެންޏެވެ. އެ ދެ މަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ.