އެޗްބީއޯ މެކްސް އިން ޕްރޮޑިއުސްކޮށް އުފައްދާ މަޝްހޫރު އެމެރިކަން ސިޓްކޮމް ފްރެންޑްސްގެ ފުރަތަމަ ޓްރެއިލާ އެޗްބީއޯ އިން ދައްކާލައިފި އެވެ.

ރޭގެ ވަގުތެއްގައި އާއްމުންނަށް ދޫކޮށްލި ދެ މިނެޓްގެ މި ޓްރެއިލާގައި ސީރީޒްގެ އަސްލު ކާސްޓުން ކަމަށްވާ ޖެނިފާ އެނިސްޓަން، ކޯޓްނީ ކޮކްސް، ލީޒާ ކޫޑްރޯ، މެޓް ލެބްލާންކް، ޑޭވިޑް ޝްވިމާ އަދި މެތިއު ޕެރީ ފެނިގެން ދެ އެވެ.

އެގޮތުން މި ހުރިހާ ތަރިން ފްރެންޑްސްގެ ޝޫޓިން ކުރިއަށް ދިޔަ ވާނާ ބްރޯސްގެ ސްޓޭޖް 24 ގައި އަލުން ތަރުތީބުކޮށްފައިވާ އެޝޯގެ ސެޓަށް ޒިޔާރަތް ކުރެ އެވެ. އަދި ހުރިހާ ތަރިން ވަނީ ޝޯގެ ބައެއް ހަނދާންތައް އާކޮށް ޝޯއާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

https://youtu.be/HRXVQ77ehRQ

މީގެ އިތުރުން ވެސް ރީޔޫނިއަން ސްޕެޝަލްގައި ހާއްސަ މެހެމާނުންގެ ގޮތުގައި ސީރީޒްގެ ސަޕޯޓިންގް އެކްޓަރުންގެ ގޮތުގައި ފެނިގެން ދިޔަ ޓޮމް ސެލަކް އާއި މެގީ ވީލާ ވެސް ފެނިގެންދެ އެވެ.

މީގެ 17 އަހަރު ކުރިން ނިމިފައިވާ ފްރެންޑްސްއަކީ މިއަދު ވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލް ޝޯވް އެކެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ރީޔޫނިއަން ސްޕެޝަލް ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެޗްބީއޯ މެކްސްގެ އޮންލައިން ސްޓްރީމިން ޕްލެޓްފޯމްގަ އެވެ.