މިއަހަރުގެ ތެރޭގައި ދައުލަތުގެ މުވައްޒަފުންގެ އަދަދު ހާހަކަށްވުރެ އިތުރުވެ، އަންނަ އަހަރު މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދުން 500 މިލިއަނެއްހާ ރުފިޔާ އިތުރުވާނެކަން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުން ހާމަވެއްޖެ އެވެ.

މާލީ ވުޒާރާއިން ރައްޔިތުންގެ މަޖިލީހަށް ފާސްކުރަން ފޮނުވާފައިވާ 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރު ނިމޭއިރު ދައުލަތުގެ މުވައްޒަފުންގެ ޖުމްލަ އަދަދު 55،466 އަށް އަރާނެ އެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 1،587 މުވައްޒަފުންގެ އިތުރުވުމެކެވެ. މުވައްޒަފުން އިތުރުވުމާއެކު މިއަހަރު މުސާރައާއި އިނާޔަތްތަކަށް 13.9 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކަށް 14.4 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މިއަހަރަށްވުރެ 493 މިލިއަން ރުފިޔާ ނުވަތަ 3 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ދައުލަތަށް 10،075 މުވައްޒަފުން އިތުރުވެ، މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދުން 6 ބިލިއަނެއްހާ ރުފިޔާ އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން އެނގެ އެވެ.

ބަޖެޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހަރަދުތައް އިތުރުވީ ފާއިތުވި ފަސް އަހަރު ތެރޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ގެނައި ބަދަލުތަކާއި މުވައްޒަފުންގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ. ނަމަވެސް މުވައްޒަފުންގެ މުސާރަތައް އިންސާފުވެރިކުރުމަށް ކުރިއަށްގެންދާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމުމާ ގުޅިގެން، 2027 އިން ފެށިގެން ކުރިއަށް އޮތް އަހަރުތަކުގައި މުވައްޒަފުންގެ މުސާރަ އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.