ފިރިހެނުންނާ އަޅާބަލާއިރު އަންހެނުންގެ މެދުގައި މައިގްރޭން ނުވަތަ ބޮލުގައި ގަދައަށް ރިއްސުމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުކަން ސިއްހީ ދިރާސާތަކުން ދައްކަ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ނިސްބަތުން %20.7 އަންހެނުން މައިގްރޭން ތަހައްމަލު ކުރަމުންދާއިރު، ފިރިހެނުންގެ މި ނިސްބަތަކީ އެންމެ %9.7 އެވެ.

ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ކުޑަކުދިންގެ އުމުރުގައި ދެ ޖިންސުގެ ކުދިންނަށް ވެސް މި މައްސަލަ ކުރިމަތިވަނީ އެއްވަރަކަށެވެ. ނަމަވެސް، ފުރާވަރަށް އެޅުމަށްފަހު އަންހެނުންގެ މެދުގައި މި މައްސަލަ ބޮޑުތަނުން އިތުރުވެގެންދަނީ ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

ޔޫސީއެލްއޭ ގޯލްޑްބާގް މައިގްރޭން ޕްރޮގްރާމްގެ ޑިރެކްޓަރު ޑރ. އެންޑްރޫ ޗާލްސް އަދި ނިއުރޮލޮޖިސްޓް ޑރ. ފަރަހް ޚާން ވިދާޅުވާ ގޮތުގައި، މައިގްރޭންއާ އެންމެ ބޮޑަށް ގުޅިފައިވަނީ އަންހެނުންގެ ހަށިގަނޑުގައި ހުންނަ އެސްޓްރަޖަން އަދި ޕްރޮޖެސްޓަރޯން ފަދަ ހޯމޯންތަކަށް މަހުން މަހަށް އަންނަ ބަދަލުތަކުންނެވެ. ހާއްސަކޮށް، މައްސަރު ކަންތަކާ ގުޅިގެން މި ހޯމޯންތަކުގެ މިންވަރު ދަށްވުމާއި، އެސްޓްރަޖަން މަތިވެފައި ހުންނަ ވަގުތުތަކުގައި ސްޓްރެސް ނުވަތަ ނަފްސާނީ ބުރަބޮޑުވުމަކީ ސިކުނޑީގެ ނާރުތަކަށް ނުފޫޒުފޯރުވައި މައިގްރޭން އުފެދެން މެދުވެރިވާ މައިގަނޑު ސަބަބެކެވެ.

މީގެ އިތުރުން، ޕީސީއޯއެސް ނުވަތަ މައްސަރު ކަންތައް ގަވާއިދުން ނުދާތީ ބޭނުންކުރާ އެސްޓްރަޖަން ހިމެނޭ ދޭތެރެ ދުރުކުރާ ބޭސްތަކަކީ ވެސް ބައެއް އަންހެނުންނަށް މައިގްރޭން ގޯސްވާ ސަބަބެކެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މިފަދަ ބޭސްތަކަށް އެކި މީހުންގެ ހަށިގަނޑު އިޖާބަދެނީ ތަފާތު ގޮތަކަށެވެ. ބައެއް މީހުންނަށް މި ބޭހުގެ ސަބަބުން މައިގްރޭން ލުއިވި ނަމަވެސް، އަނެއްބައި މީހުންނަށް މި ތަދު މާ ބޮޑަށް އިތުރުވެގެންދެ އެވެ.

މި މައްސަލައިން ރައްކާތެރިވެ، އުނދަގޫތައް ކުޑަކުރުމަށްޓަކައި ޑޮކްޓަރުން ލަފާދެއްވަނީ:

  • ތަދުވާ ދުވަސްވަރު ނޯޓުކުރުން: މައްސަރު ކަންތަކާ މައިގްރޭންއާ ހުރި ގުޅުން ދެނެގަތުމަށް ޑައިރީއެއްގައި ތަދުވާ ދުވަސްތައް ލިޔެ ބެލެހެއްޓުން.
  • މެގްނީޒިއަމް ބޭނުންކުރުން: ހޯމޯންއާ ގުޅިގެން އަންނަ މައިގްރޭންއަށް މެގްނީޒިއަމް ސަޕްލިމެންޓަކީ ފައިދާހުރި އެއްޗެކެވެ.
  • ވަކި ދުވަސްވަރެއްގައި ބޭސް ބޭނުންކުރުން: މައްސަރު ކަންތަކާ ގުޅިގެން އަންނަ ތަދެއްނަމަ، ކޮންމެ ދުވަހަކު ބޭސް ކެއުމުގެ ބަދަލުގައި އެ ދުވަސްވަރަށް ހާއްސަކޮށްގެން ފަރުވާ ހޯދުން.
  • ޑޮކްޓަރެއްގެ ލަފާ ހޯދުން: ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުމުގެ ކުރިންނާއި ފަހުން ވެސް އަންނަ ބަދަލުތައް ޑޮކްޓަރާ ހިއްސާކުރުން.

މައިގްރޭންގެ އުނދަގޫތަކުން އަރައިގަތުމަށް އެންމެ މުހިންމީ އަމިއްލަ ހަށިގަނޑަށް އަންނަ ބަދަލުތައް ރަނގަޅަށް ދެނެގަނެ، ޑޮކްޓަރުންގެ އިރުޝާދާއެކު އެމީހަކާ އެންމެ ގުޅޭ ފަރުވާއެއް އިހްތިޔާރު ކުރުމެވެ.