އޭނާގެ މަންމަ، ޕްރިންސެސް ޑަޔާނާ އަވަހާރަވީ ދޮން ނޫން މީހަކާ ރައްޓެހިވުމުން ދިމާކުރަން ފެށި ދިމާކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ ޑަޔާނާގެ ހަގު ދަރިކަލުން ޕްރިންސް ހެރީ ވާހަކަ ދައްކަވައިފި އެވެ. އަދި އޭނާގެ އަނބިކަނބަލުން މޭގަން މާކަލްއާ ދިމާވަމުންދާ ކަންތަކާއެކު އެ ތާރީޚު އަލުން އިއާދަވަމުން އަންނަ ކަމުގެ ކަންބޮޑުވުން ވެސް ހެރީ ފާޅު ކުރެއްވި އެވެ.
އެޕަލް ޓީވީ ޕްލަސްއިން އޮޕްރާ ވިންފްރީއާއެކު ހެރީ ގެނެސްދޭ ސިލްސިލާ ޝޯ "ދަ މީ، ޔޫ ކާންޓް ސީ" ގައި ވާހަކަ ދައްކަމުން ހެރީ ވަނީ ޑަޔާނާ އަވަހާރަވި ކަމަށް އޭނާ ދެކޭ ގޮތާއި އެކަމުގެ ސަބަބުން ދިމާވި ނަފުސާނީ މައްސަލަތަކާއި އާއިލީ ބައެއް ހާދިސާތަކުގެ މައްޗަށް އަލި އަޅުވައިލާފަ އެވެ.
ފްރާންސްގެ ޕެރިހުގައި ކާރު އެކްސިޑެންޓެއްގައި، 1997 ގައި ޑަޔާނާ އަވަހާރަވީ މިސްރުގެ ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ ޑޯޑީ އަލް ފާއިދު އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުއްވާތާ ހައެއްކަ މަސް ދުވަސް ފަހުންނެވެ. އެ އެކްސިޑެންޓްގައި ޑަޔާނާޔާއެކު ޑޯޑީ ވެސް ވަނީ އަވަހާރަވެފަ އެވެ. މިހާދިސާ ތަހުގީގުކުރި ޓީމުން ނިންމާފައި ވަނީ ޑަޔާނާއާއި ޑޯޑީ އަވަހާރަވުމުގައި އެ މީހުންގެ ފަރުވާ ކުޑަކަން ބޮޑު ރޯލެއް ކުޅުނު ކަމުގަ އެވެ. އެގޮތުން އެ މީހުންގެ ޑްރައިވަރު އެ ވަގުތު ހުރީ ގާނޫނީ ގޮތުން ދުއްވަން ހުއްދަކުރާ ވަރަށް ވުރެ މާގިނައިން ރާ ބޮއިގެން ކަމަށްވެ އެވެ.
ޑަޔާނާ އާޢި ޑޯޑީގެ ކާރު ބާރު ސްޕީޑުގައި ގޮސް އެކްސިޑެންޓްވިއިރު އެ ދެ މީހުން ވެސް ތިބީ ސީޓު ބެލްޓް ނާޅުއްވަ އެވެ. ތަހުގީގުން ނިންމި ގޮތުގައި އެވަގުތު އެ މީހުން ބެލްޓް އަޅުއްވައިގެން ތިއްބެވި ނަމަ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ބޮޑު ވީހެވެ. ނަމަވެސް ހެރީ ގަބޫލު ކުރައްވާގޮތުގައި މި މައްސަލައިގެ އެހެން ފަރާތެއްގެ އަތެއްވެ އެވެ.
"މިހާރު ކަންތައް ހިނގަމުންދާ ގޮތް ފެނެއެއްނުން،" އޭނާގެ އަނބިކަނބަލުން މޭގަން އާ ދިމާވަމުން އަންނަ ކަމަށް ހެރީ ގަބޫލުކުރައްވާ ރޭސިސްޓް މައްސަލައަށް އިޝާރާތްކުރައްވައި ހެރީ ވިދާޅުވި އެވެ.
ހެރީ ގަބޫލު ކުރައްވާގޮތުގައި ޑަޔާނާގެ ފަހަތުން އަޅައިގެން އުޅުނު މީހުން ޑަޔާނާ ދިރިހުއްޓާ ދުލެއް ނުކުރި އެވެ. އެހެންކަމުން ދެވަނަ އަންހެނަކު ޑަޔާނާ ދިޔަ މަގުން ނިމި ދާކަށް އޭނާ އެދިވަޑައި ނުގަންނަވަ އެވެ.
"އަދި އެކަން މިއަންނަނީ އެއްބައެއްގެ ފަރާތުން. އެއްގޮތަކަށް. އެއް އިންޑަސްޓްރީއަކުން،" އިނގިރޭސި ޝާހީ އާއިލާ އާއި ޓެބްލޮއިޑްތަކަށް ނިސްބަތްކޮށް ދެއްކި ވާހަކައިގައި ހެރީ ވަނީ އޭނާގެ ބައްޕާފުޅު ޕްރިންސް ޗާލްސްއަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ހެރީ އާއި ވިލިއަމް އަށް ނިސްބަތްކޮށް ޗާލްސް ވިދާޅުވާ ކަމަށް ހެރީ ވިދާޅުވި ގޮތުގައި އިނގިރޭސި ޝާހީ އާއިލާގެ މެންބަރަކަށްވުމުން އެކަން އޮންނާނީ އެހެންނެވެ. އެކަންތަކާ ޖެހޭނީ ކެތްކޮށްލާށެވެ.
"އެއީ އަހަންނާ ދޭތެރޭ ވެސް ކަން ހިނގި ގޮތް. ތި ދެ މީހުންނާ މެދު ވެސް ހަމަ ކަން ވާނީ އެހެން،" ޗާލްސް ވިދާޅުވި ކަމަށް ހެރީ ވިދާޅުވި އެވެ.
އެހެނަސް އެއީ ހެރީ ގަބޫލުކުރައްވާ ވާހަކަ އެއް ނޫނެވެ. ހެރީގެ ނަޒަރުގައި ތިމާ ތަހައްމަލު ކުރަން ޖެހުނު އުނދަގޫތަކެއް ތިމާގެ ކުދިންނާ ހަމަޔަށް ގެނެސްދޭކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި ތިމާޔަށް ދިމާވި ފަދަ ހިތްދަތިކަމެއް ތިމާގެ ކުދިންނަށް އުފުލަން ނުޖެހޭނެ ގޮތަކަށް ކަންތައް ކުރަން ޖެހެ އެވެ.
އިނގިރޭސި ޝާހީ އާއިލާ ދޫކުރައްވައި މޭގަން އާއެކު އެމެރިކާއަށް ހެރީ ބަދަލުވެވަޑައިގެންނެވި އެންމެ ބޮޑު ބޭނުންފުޅަކީ ވެސް ހެރީ ވިދާޅުވާ ގޮތުން ނަމަ އޭނާ އުފުއްލަވަން ޖެހިވަޑައިގެންނެވި ފަދަ ހިތްދަތިކަމެއް އޭނާގެ ދަރިންނާއި އަންހެނުންނަށް ކުރިމަތި ނުވާނެ ގޮތް ހެދުމެވެ.