ފޭރަކީ ރާއްޖޭގައި އާންމުކޮށް ހެދޭ މޭވާގެ ބާވަތެކެވެ. އެހެން ނަމަވެސް އަހަރެމެންގެ ތެރޭގައި ފޭރު ނުބައި މީހުން ވެސް އުޅެ އެވެ. އެހެން ނަމަވެސް އޭގެ "ބިއުޓީ" ފައިދާތައް އަޑުއަހާފައި ކޮސްވާނެ އެވެ.

ފޭރަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ އެއްޗަކަށް ވުމުން މިއީ މޫނުގެ ހަންގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާ އެކެވެ. މީގެ އިތުރުން ފޭރުގައި ހުންނަ ޕޮޓޭސިއަމް އާއި ފޮލިކް އެސިޑުން ހަންގަނޑަށް އިތުރު ފައިދާތަކެއް ކުރެ އެވެ.

މިއާއެކުވެސް ހަގީގީ ޖާދޫ އެކުލެވިފައިވަނީ ފޭރު ފަތުގަ އެވެ. އެހެން ކަމުން ފޭރު ފަތުން ކެރެވިދާނެ ބައެއް ކަންތައްތައް ހިއްސާ ކޮށްލާނަމެވެ.

މޫނު ތެޔޮ ވުމުން ދުރުކޮށްދޭ މާސްކް

ބޭނުންވާނީ:

- ފޭރު ފަތް

- 5 ސ.ސަމްސާ ފެން

- 2 ސ.ސަމްސާ ލުނބޯ ހުތް

ތައްޔާރުކުރާނެ ގޮތް: ފޭރު ފަތާއި ފެން މިކްސަރަށް އެޅުމަށް ފަހު ޕޭސްޓަކަށް ވާ ވަަރަށް ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. އެއަށް ފަހު އެ ޕޭސްޓްގެ ތެރެއަށް ދެ ސަމްސާ ލުނބޯ ހުތް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

މި ޕޭސްޓް މޫނުގައި ހާކާލުމަށް ފަހު 30 މިނެޓް މަޑުކޮށްލުމަށް ފަހު ދޮވެލާށެވެ.

ޓިޕް: މޫނު މާ ބޮޑަށް ތެޔޮ ވާ ނަމަ މި ޕޭސްޓް ކޮންމެ ދުވަހަކު ބޭނުންކުރެވިދާނެ އެވެ.

އެކްނީ އާއި ބްލެކްހެޑްސް ފިލުވުމަށް

ބޭނުންވާނީ:

- ފޭރު ފަތް

- 5 ސ.ސަމްސާ ފެން

- ކުޑަ ރީނދޫކޮޅެއް

- 1 މ.ސަމްސާ އެލޮވެރާ ޖެލް

ތައްޔާރުކުރާނެ ގޮތް: ފޭރު ފަތާއި ފެން މިކްސަރަށް އެޅުމަށް ފަހު ޕޭސްޓަކަށް ވާ ވަަރަށް ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. މި ޕޭސްޓަށް ރީނދުލާއި އެލޮވެރާ ޖެލް އެއްކޮށްލުމަށް ފަހު ރަނގަޅަށް އެއްކޮށްލުމަށް ފަހު މޫނުގައި އުނގުޅާލާށެވެ.

20 މިނެޓު ފަހުން މޫނު ދޮވެލުމަށް ފަހު ހިއްކާލާށެވެ.

ޓިޕް: އެންމެ ފުރިހަމަ ނަތީޖާއަކަށް ހަފްތާ އަކު ދެ ފަހަރު ނޫނީ ތިން ފަހަރު ބޭނުންކޮށްލަން ޖެހޭނެ އެވެ.

ގައި ހިރުވުމަށް ވެސް ފަރުވާއެއް

ބޭނުންވާނީ:

- ފޭރު ފަތް

- 1 ޖޯޑު ފެން

ތައްޔާރުކޮށްލާނެ ގޮތް: ފޭރު ފަތާއި ފެން ތެއްޔަކަށް އުނދާފައި 10 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. އެއަށްފަހު އެ ފެން ފުރާނާލާށެވެ. އަދި ފެނުގެ ހޫނުކަން ކެނޑުމުން ސްޕްރޭ ފުޅިއަކަށް އަޅާލާށެވެ.

މޫނުގެ ހަންގަނޑު ސެންސިޓިވް ނަމަ މޫނު ދޮވުމަށް ފަހު މި ފެން މޫނަށް ސްޕްރޭ ކުރެވިދާނެ އެވެ. ނުވަތަ މަދިރި ހަފާ ތަންތަނާއި ގައިގައި ހިރުވާ އެހެން ތަންތަނަށްވެސް މި ފެން ސްޕްރޭ ކޮށްލުން ރަނގަޅުވާނެ އެވެ.

ޓިޕް: ފޭސް މިސްޓެއްގެ ގޮތުގައި ބޭނުން ކުރާ ނަމަ ޓީ ޓްރީ އޮއިލްގެ ދެތިން ޑްރޮޕް އެއްކޮށްލުން ރަނގަޅުވާނެ އެވެ.