ލަންޑަން (22 މެއި) - 1997 ވަނަ އަހަރު ކާރު އެކްސިޑެންޓެއްގައި ޕްރިންސަސް ޑަޔާނާގެ އަވަހާރަވުމާއެކު ނަފުސާނީ ގޮތުން ގިނަ އަސަރުތަކެއްކޮށް ރަލާއި ޑްރަގްސްއަށް ހުށަހެޅުނު ކަމަށް ޑަޔާނާގެ ހަނގު ދަރިކަލުން ޕްރިންސް ހެރީ ވިދާޅުވެއްޖެ އެވެ.
މިހާރު 36 އަހަރު ފުރިފައިވާ ހެރީ ވަނީ ޕްރިންސަސް ޑަޔާނާގެ އަވަހާރަވުމާއި އަދި އެ ހާދިސާއާ ގުޅިގެން އެންމެ 12 އަހަރުގައި އޭނާއަށް ކުރިމަތިވި ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
"އަހަރެން ރާ ބޯން ބޭނުންވި. ޑްރަގްސް ބޭނުން ކުރަންވެސް ބޭނުންވި. އެކަންކަމުން އަހަރެންގެ އިހްސާސްތައް ހިފަހައްޓަން އެހީތެރިވި،" އެޕަލް ޓީވީ އިންޓަވިއުއަކަށް ދެއްވި އިންޓަވިއުއެއްގައި ހެރީ ވިދާޅުވި އެވެ.
ޕްރިންސް ހެރީ އިތުރަށް ވިދާޅުވީ އޭނާ ރަލާއި ޑްރަގްސް ބޭނުންކުރެއްވީ އެކަމުން އުފާ ލިބޭތީ ނޫން ކަމަށާއި ކުރިމަތިވަމުންދިޔަ ނަފްސާނީ ކަންކަމުން އަރައިގަތުމަށް ކަމަށެވެ.
މީގެ އިތުރުން ޑަޔާނާ އަށް ކުރިމަތިވި ހިތާމަތަކުގެ ސަބަބުން އޭނާގެ އަމިއްލަ ދިރިއުޅުމަށް ވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށާއި އަންހެނުން މޭގަން މާކަލްއާއެކު އޮންނަ ގުޅުމަށް ވެސް އެކަމުން އަސަރުކޮށްފައިވާ ކަމަށް ހެރީ ވިދާޅުވި އެވެ.
"ޝާހީ އާއިލާގެ ތެރެއިން މޭގަން އަށް ކުރިމަތިވަމުން އައި ކަންތައްތަކަށް އަޅާނުލާ އޭނާ ހުރީ އަހަރެންގެ ދިރިއުޅުމުގައި ދެވަނަ އަންހެނަކު ގެއްލިއްޖެނަމަ އަހަންނަށް ވެދާނެ ގޮތަކަށް ބަލާފައި،" ހެރީ ވިދާޅުވި އެވެ.
ހެރީ އިތުރަށް ވިދާޅުވީ އޭނާގެ އާއިލާގެ ފަރާތުން އެހީތެރިކަމަށް އުއްމީދު ކުރެވުނު ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު ވެސް ކުރިމަތިލާން ޖެހެނީ މާޔޫސްވުމާ ކަމަށެވެ.
ޕްރިންސް ހެރީ އަންނަނީ ތަކުރާރުކޮށް ޝާހީ އާއިލާއާ ބެހޭ ގޮތުން އާއްމު ތަންތަނުގައި ވާހަކަ ދައްކަވަމުނެވެ. އެގޮތުން މި އަހަރު ކުރީކޮޅު އޮޕްރާ ވިންފްރޭއާ އެކު ހެރީއާއި މޭގަން ދެއްވި އިންޓަވިއު ފާހަގަކޮށްލެވެ އެވެ.
ހެރީގެ ދެކަނބަލުންގެ އެ ވާހަކަތަކުގެ ސަބަބުން ޝާހީ އާއިލާ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާއިރު ކްއީން އެލިޒަބަތް ވަނީ ހެރީ އާއި މޭގަންގެ ތަޖުރިބާތަކާމެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. – އަލް އަރަބިއްޔާ