ކޮވިޑާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާގެ އަގު ދައްކަން ޖެހިފައިވަނީ ފުރާނައިން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ އެންމެ ގޯސް ހާލަތަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް ބުނެ މީޑިއާގައި ލިޔެފައިވާ ހަބަރުތަކެއް ހިއްސާ ކުރައްވަމުން ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ސަރުކާރުގެ ނުކުޅެދުންތެރިކަމުގެ އަގު ދައްކަން ޖެހެނީ ފުރާނައިން ކަމަށެވެ.

ކޮވިޑްގެ އެންމެ ގޯސް ހާލަތަށް ތައްޔާރުކަމަށް ބުނެ، ސަރުކާރުން 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު އައިސީޔޫގެ އެނދުތައް އިތުރުނުވި ކަމަށާއި، އަދި އަދި އަތޮޅު ތެރޭގައި ކޮވިޑަށް ޓެސްޓް ހެދޭނެ ގޮތެއް ނެތްކަން ވެސް ޑރ. ޖަމީލް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އާބާދީގެ ނިސްބަތުން މިހާރު އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހުނު ގައުމަކީ ވެސް ރާއްޖެ އެވެ. އަދި އާބާދީގެ ނިސްބަތުން ކޮވިޑާ ގުޅިގެން އެންމެ ގިނަ ހަރަދު ކުރި ގައުމަކީ ވެސް ރާއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު މިހާ ހިސާބަށް ދިޔައީ ސަރުކާރުން މިކަމުގައި ގެންގުޅޭ ސިޔާސަތު ސަބަބުން ކަމަށް ގިނަ ފަރާތްތަކުން ބުނެ އެވެ. މިހާލަތަށް ދިޔުމުގެ ޒިންމާ ނަގަން ޖެހޭނީ ރައްޔިތުން ނޫން ކަމަށާއި ސަރުކާރުން މިކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ގިނަ ބަޔަކުން އަންނަނީ ބުނަމުންނެވެ.

ސަރުކާރުން ފަރުދީ ޒިންމާ ނެގުމަށް ގޮވާލާއިރު ރައްޔިތުންނަށް ހިދުމަތް ކުރުމަށް އައްޔަން ކޮށްފައިވާ ފަރާތްތަކުން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ޒިންމާ ނުއުފުލާ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ބޮޑު ހަރަދެއް ކޮންގެން ތަރައްގީކުރި ހުޅުމާލެ ފެސިލިޓީގައި ހިދުމަތް ރަނގަޅު ފެންވަރެއްގައި ނުދެވޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންނެވެ.