ލަންޑަން (24 މެއި)- ކޮވިޑް-19ގެ ފަރުވާއެއްގެ ގޮތުގައި އުފައްދާފައިވާ ފައިޒާ ވެކްސިން ނުވަތަ އެސްޓްރާޒެނެކާ ވެންސިންގެ ދެ ޑޯޒަށް ފަހު، އެބަލީގެ އެންމެ ނުރައްކާތެރި އެއް ވޭރިއަންޓެއް ކަމަށްވާ އިންޑިއާ ވޭރިއަންޓުން ރައްކާތެރިކަން ލިބޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތް އިންގްލެންޑް އިން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބުނެފައި ވަނީ އެ ދެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ޔޫކޭ ވޭރިއަންޓުން ލިބުނު ފަދަ ރައްކާތެރިކަމެއް އިންޑިއާ ވޭރިއަންޓުން ވެސް ލިބޭނެ ކަމަށެވެ.

މިދިޔަ އޭޕްރީލް އާއި މިމަހު މަހު ކުރިއަށް ގެންދިޔަ ދިރާސާތަކުގެ ނަތީޖާ ދައްކާގޮތުން ފައިޒާ ވެކްސިންގެ ދެ ޑޯޒް ޖެހުމުން ކޮވިޑް- 19 އިންޑިއާ ވޭރިއަންޓް ޖެހުމުގެ ފުރުސަތު 88 ޕަސެންޓް ކުޑަވެ އެވެ. އަދި އެސްޓްރާޒެނެކާގެ ދެ ޑޯޒް ޖެހުމުން މި ފުރުސަތު 60 ޕަސެންޓަށް ކުޑަވާ ކަމަށް ވެސް ދިރާސާއެއްގައި ބުނެފައިވެ އެވެ.

ނަމަވެސް މި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ދެ ހަފުތާ ހަމަވުމުން ކަމަށް ދިރާސާ އިން ހޯދިފައިވެ އެވެ.

އެ އިދާރާއިން ކުރިއަށް ގެންދިޔަ އެހެން ދިރާސާއެއްގައި އިގިރޭސިވިލާތުގައި ކުރިއަށްދާ ވެކްސިން ކެމްޕޭނުގެ ސަބަބުން ކޮވިޑް ބަލީގައި އެ ގައުމުން މަރުވާ މީހުންގެ އަދަދު ބޮޑު ތަނުން ދަށްކުރެވިފައި ވާ ކަމަށް ދައްކާފައިވެ އެވެ. – ސީއެންބީސީ