ކުރީގެ ފިރިކަލުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާގެ ފަރާތުން ގެވެށި އަނިޔާ ލިބިފައިވާ ކަމަށް ބުނެ ފުލުހުންނަށް ބަޔާން ދިނުމަށްފަހު މިހާރު އަސްރާ ނަސީމްގެ ރާގު ބަދަލުވެއްޖެ އެވެ.

އެ މައްސަލަ ކުރިއަށް ނުގެންދަން ފުލުސް އޮފީހުގައި އެދުނުކަން އަސްރާ ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރަށް ވަހަކަ ދައްކަން އޭނާ ބޭނުމެއް ނުވި އެވެ.

އީސައާ ގުޅޭގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އަސްރާގެ އަވައްޓެރިއެކެވެ.

އަސްރާގެ ގާތް ބޭފުޅެއް ކަމަށްވާ އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ ވިދާޅުވެފައި ވަނީ އީސަގެ ފަރާތުން ލިބުނު އަނިޔާގެ ނިޝާންތައް އަސްރާގެ ގައިގައި ފެންނަން އެބަހުރި ކަމަށެވެ. އަދި އަސްރާއާ ގުޅައި އެ މައްސަލައިގެ މައުލޫމާތު އޮޅުންފިލުވި ކަމަށް ވެސް ރަފިއްޔާ ވިދާޅުވި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އެދުނީ އީސަގެ ޕްރެޝަރާ ހެދި އެވެ. އެނގިފައިވާ ގޮތުގައި އީސަ ވަނީ އަސްރާގެ އައިލާގެ އެކި މީހުންނަށް ގުޅައި އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ޕްރެޝަރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަސްރާ އެ މައްސަލަ ކުރިއަށް ނުގެންދަން އެދުނަސް ފުލުހުން މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

https://www.facebook.com/AhmedEassa2019/photos/a.253646365309962/755069148501012/

އީސަ މިރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "އަޅުގަނޑު ވަރަށް ބޮޑަށް އެދެން އަޅުގަނޑުގެ ދަރިފުޅު (ލޫތު) ގެ މަންމައަށް އެއްވެސް މީހަކު ކުޑައިމީސް ބަހެއް ނުބުނުމަށް، އަދި އަޅުގަނޑަށް އިތުބާރުކޮށް ހިއްވަރުދެއްވި އެއްމެހައި ފަރާތްތަކަށް ޝުކުރު ދަންނަަވަން،" ކަމަށެވެ.