ޔޫރަޕިއަން ޔޫނިއަންއާއި ޗައިނާ އާއި ދެމެދު ގާއިމުކުރަން މަސައްކަތްކުރާ ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ހުއްޓުމަކަށް އައުމުގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އުފެދުނު ކަމަށް ވިޔަސް އެ ޑީލް ކާމިޔާބު ކުރަން މަސައްކަތް ކުރާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.
ދެ ފަރާތުގެ މެދުގައި ދެކެވެމުންދިޔަ ވާހަކަތަކަށް ހުއްޓުމެއް އައީ ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޔޫރަޕިއަން ޔޫނިއަންގެ ވަކިވަކި ފަރުދުންގެ ފިޔަވަޅުތައް އުވާލަން ޗައިނާއިން އެއްބަސް ނުވުމުންނެވެ. ޗައިނާއިން އީޔޫ ގެ އޮފިޝަލުންނާ މެދު ފިޔަވަޅު އެޅީ ޗައިނާގެ އޮއިގާ މުސްލިމުންނާ މެދު ޗައިނާސަރުކާރުން އަމަލު ކުރާ ގޮތާ މެދު ޗައިނާއަށް ދަތިކުރުމަށް އީޔޫ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ރައްދެއްގެ ގޮތުންނެވެ.
ޔޫރަޕްގެ ޓީވީ ޗެނެލަކަށް ދިން އިންޓަވިއުއެއްގައި އީޔޫގެ އޮފިޝަލެއް ކަމުގައިވާ ސްމިތު ބުނި ގޮތުގައި ޗައިނާޔާއެކު އެއްބަސްވުމަށް ތައްޔާރު ވެފައިވާ ވިޔަފާރީގެ މި ޑީލަކީ އެކަމަށް މަސައްކަތް ކުރާތާ ހަތް އަހަރު ވެފައިވާ ޑީލެކެވެ. ސޮއިކުރާ ހިސާބަށް ގޮސްފައިވާ މި އެއްބަސްވުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިމާވި ކަންތައްތަކެއްގެ ސަބަބުން މިވަގުތު މެދު ކެނޑިފައި އޮތްކަމުގައި ވިޔަސް ސްމިތު ދެކެ ގޮތުގައި އަދި މަސައްކަތް މުޅިން ނިމުނީ ކަމަށް ނުބެލެވެ އެވެ. އީޔޫގެ އެމްއީޕީން މިމައްސަލާގައި ޗައިނާޔަށް ޕްރެޝަރު ކުރުމަށް ވޯޓު ދިންކަމުގައި ވިޔަސް ޗައިނާއިން ވަނީ އެ މީހުންގެ ނިންމުން ބަދަލު ނުކުރާނެކަން އަނގާފަ އެވެ.
މިވަގުތަށް ޑީލް މަޑުޖެހިފައި އޮތް ކަމުގައި ވިޔަސް އީޔޫއިން އުންމީދު ކުރަނީ ކުރިޔަށް ދެވޭނެ މަގެއް ފަހިވާނެ ކަމަށެވެ. ޗައިނާއާއެކު ކުރެވޭ ވިޔަފާރީގެ އެއްބަސްވުމެއްގެ ސަބަބުން އީޔޫ އަށާއި ޗައިނާއަށް ވެސް ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން އެ ޑީލް ކުރިޔަށް ގެންދިއުމަށް ދެ ފަރާތުން ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އީޔޫއިން ޗައިނާ އާއެކު އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދެ ފަރާތަށް ފައިދާތަކެއްވާނެ ކަމަށް އީޔޫއިން ބުނަމުން ގެންދިޔަ ކަމުގައި ވިޔަސް މި އެގްރީމެންޓުން ޗައިނާގެ އިގްތިސާދަށް ލިބޭނެ ފައިދާތަކުގެ މާބޮޑު ތަފުސީލެއް ނުލިބެ އެވެ. އެކަމަކު ޗައިނާގެ ވިޔަފާރި މާކެޓް ޗައިނާގެ ކުންފުނިތަކަށް ވަރަށް ފުޅާ މިންވަރަކަށް ހުޅުވިގެން ދާނެ އެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާގެ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗާއެއް ހެދުމަކާ ނުލައި ޗައިނާގައި އީޔޫގެ ކުންފުނިތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ހަތް އަހަރަށް ދިގު ދެމިގެން ދިޔަ ވިޔަފާރީގެ މަޝްވަރާތަކުގެ އެންމެ ފަހުގެ ބައެއްގެ ގޮތުން މިދިޔަ އަހަރު ފަހުކޮޅު ޗައިނާގެ ރައީސް ޝީ އާއި އީޔޫގެ އިސް ލީޑަރުން ވަނީ މަޝްވަރާތަކެއް ކުރައްވާފަ އެވެ. އޭގެ ތެރޭގައި ފްރާންސާއި ޖަރުމަނުގެ އެންމެ އިސް ވެރިން ހިމެނެ އެވެ.
ޔޫރަޕިއަން ޕާލަމެންޓަކީ ޗައިނާގެ އިންސާނީ ހައްގުތަކާއި ޑިމޮކްރަދސީ އާ ބެހޭ ގޮތުން އެންމެ އަޑުހަރުކޮށް ފާޑު ކިޔާ އެއް ޖަމާއަތެވެ. މިޖަމާއަތުގެ ވޯޓަކީ އީޔޫ އެހެން ޖަމާއަތްތަކާ މެދު ކުރާ އެއްބަސްވުންތައް ފައިނަލްކުރުމަށް މުހިންމު ވޯޓެކެވެ. އެހެނަސް އީޔޫގެ ބޮޑެތި ގައުމުތައް ކަމުގައިވާ ޖަރުމަނާއި ފްރާންސުން ޗައިނާގެ ޑީލް ކާމިޔާބު ކުރަން ބޭނުން ވާތީ އީޔޫ ޕާލަމެންޓުގެ ވޯޓް އެހެންގޮތަކަށް އެނބުރިގެންދާނެ ކަމުގައި ބެލެވެ އެވެ.