އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ މުއްދަތު ހަމަވިޔަސް، ލައިސަންސް ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީއިން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި މަހުން ފެށިގެން މުއްދަތު ހަމަވާ ޑްރައިވިން ލައިސަންސްތައް އަންނަ ޖުލައި މަހުގެ ނިޔަލަށް ގަބޫލުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުން ދާތީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޮވިޑް ބަލީގެ ހާލަތު ރާއްޖޭގައި ބޮސުންލާފައިވުމުން އެބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ކޮށްފައިވާ ކާފިއު ގަޑިއަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި ކާފިއު ގަޑި ނޫނަސް ގެއިން ބޭރަށް ނުކުމެވޭނީ ވެސް ފުލުހުންގެ ހުއްދަ ލިބިގެންނެވެ.

ފުރަބަންދު ކަމަށް ނުބުނި ކަމަށްވިއަސް މާލެ ސަރަހައްދު ވަނި ކުރިއަށް އޮތް ދެ ހަފްތާ އަށް ފުރަބަންދުކޮށްފަ އެވެ. އަދި މީގެ އިތުރުން މޮނީޓަރިންނަށް ލާ ރަށްތަކުގައި ވެސް ކާފިއު ހިންގުމަށް ވަނީ ނިންމާފަ އެވެ. އަދި ސަރުކާރު އޮފީސްތައް ބަންދުކޮށް، ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ގޭގައި ތިބެގެން ދޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.