ރާއްޖޭގައި އުޅޭ ޕާކިސްތާނު މީހުން ގައުމަށް ނުދެވިގެން މާލޭ މަގުމަތީގައި ސަލާން ޖަހަން ފަށައިފި އެވެ.

އެގޮތަށް ސަލާންޖަހާ މީހަކު "ހުރިހާ"އަށް ބުނީ، ރާއްޖޭން ފުރަން ޕީސީއާރް ޓެސްޓް ހަދަންޖެހޭތީ އެކަން ކުރުމަށް ބޭނުންވާ ފައިސާ ނެތް ކަމަށެވެ. މީގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެ އެވެ. ސަލާން ޖަހާ އެ އެންމެނަކީ ވެސް ޕާކިސްތާނުގެ ކަޝްމީރަށް ނިސްބަތްވާ މިހުންނެވެ.

ކަޝްމީރަށް ނިސްބަތްވާ އެ މީހުންނަކީ ވޯކް ޕާމިޓުގައި ޕާކިސްތާނުން ސައުދީއަރަބިއްޔާއަށް މަސައްކަތު ދާން އައިސް އުޅޭ މީހުންނެވެ. އަދި ސައޫދީގައި ތިބެފައި އެނބުރި ޕާކިސްތާނަށް ދާން ވެސް، ކޮވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި ފަސޭހަ ޓްރާންސިޓް މަންޒިލަކަށް ރާއްޖެވެފައި ވާތީ އެ މީހުން ރާއްޖެ އައިސްގެން އުޅެނީ އެވެ. ރާއްޖޭގައި 14 ދުވަސް ހަމަކޮށްފައި، ނެގެޓިވް ޕީސީއާރް ޓެސްޓެއް ހިފައިގެން ސައުދީއަށް އަދި ޕާކިސްތާނަށް ވެސް ދެވޭނެ އެވެ.

ނަމަވެސް އިއްޔެ ވަނީ ރާއްޖެ އިން ޕާކިސްތާނަށް ދަތުރުކުރުން ވެސް މަނާކޮށްފަ އެވެ. އަދި މީގެ ކުރިން ޕާކިސްތާނު ވެސް ހިމެނޭ ގޮތަށް، ދެކުނު އޭޝިއާގެ އެއްވެސް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ.

"ހުރިހާ"އަށް ވާހަކަ ދެއްކި މީހަކު ބުނީ، ބޮޑު މަގުގެ ހުންނަ ބޭންކުތަކުން އިއްޔެ ވަރަށް ގިނައިން ޕާކިސްތާނު މީހުން ފެނުނު ކަމަށާއި، އެ އެންމެން ވެސް ދިޔައީ ސަލާން ޖަހަމުން ކަމަށެވެ.

"ބޮޑު މަގުގެ އެ ހުންނަ ހަބީބު ބޭންކު، ސިލޯން ބޭންކު ފަދަ ތަންތަން ކައިރިން ފެނޭ އެމީހުން (ޕާކިސްތާނު މީހުން) އެ މީހުން ބުނަނީ ޕީސީއާރް ޓެސްޓް ހަދަން ފައިސާ ނެތިގެންނޭ ތިމަންނަމެން މިއުޅެނީ. ދެ ތިން ދުވަހުގެ ތެރޭގައި ފުރަންޖެހެޔޭ،" ޕާކިސްތާނުގެ ސަލާން ޖަހާ ގްރޫޕާ ދިމާވި މީހާ ބުންޏެވެ.

މާލޭ ބޭރުގެ މަގުގެ އިތުރުން ސްޓޭޓް ބޭންކު އޮފް އިންޑއާ ( އެސްބީއައި) ކައިރީގެ އިތުރުން މަޖިދީމަގުގައި ހުންނަ ނަން މަޝްހޫރު ފިހާރަތަކުގެ ކައިރީގައި އިއްޔެ ޕާކިސްތާނު މީހުން ސަލާން ޖަހަން ތިއްބެވެ. މާލޭގައި ހުންނަ ސައުދީ އެއާލައިންގެ ޓިކެޓް އޮފީސް ކައިރިން ދިމާވި ޕާކިސްތާނުގެ ބައެއް މީހުން ވެސް ބުނީ އެ މީހުން ރާއްޖެ އައީ ސައުދީއަށް ދާން ރާއްޖޭގައި 14 ދުވަސް ހަމަކުރަން ކުރުމަށެވެ. ނަމަވެސް މިހާރު އަތުގައި ހުރި ފައިސާތަށް ހުސްވެ، ރާއްޖޭގައި ތާށިވެއްޖެ ކަމަށެވެ.

އޭގެ ތެރެއިން އެކަކު "ހުރިހާ"އަށް މައުލޫމާތު ދެމުން ބުނީ، 14 ދުވަސް ހަމަކުރަން އެ މީހުން ތިބެނީ މާލޭގެ ގެސްޓް ހައުސްތަކުގަ އެވެ. އެހެންވެ ޓެސްޓުގެ ނަތީޖާ ލަސްވުމުން ފައިސާ ހުސްވެ ސަލާން ޖަހަން މަގުމައްޗަށް ނުކުތީ އެވެ. ސައުދީ އެއާލައިންގެ ޓިކެޓް އޮފީހުގައި ވެސް ތިބީ ހުސް ޕާކިސްތާނު މީހުންނެވެ. އަދި މީހުން ގިނަކަމުން އެ ތަނުގެ އެތެރެއަށް ނުވެސް ވަދެވެ އެވެ. އެ އިމާރާތުގެ ތިރީގައި ވެސް ބޮނޑިވެގެން، ކިއުގައި އެގައުމުގެ މީހުން ތިއްބެވެ.

މިދިޔަ ހަފްތާގައި ޕާކިސްތާނުގެ 200 އަށްވުރެ ގިނަ މީހުން ވަނީ ރާއްޖޭން ސައުދީއަށް ގޮސްފަ އެވެ. ކޮވިޑްގެ ހާލަތު ގޯސްވެފައި ވާތީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ސައުދީ ސަރުކާރުން އޮތީ 20 ގައުމަކާއި އެ ގައުމާ ދެމެދު ދަތުކުރުން މަނާކޮށްފަ އެވެ. ރާއްޖޭގެ ނަން އެ ލިސްޓުގައި ނެތުމުން ޕާކިސްތާނު މީހުންނަށް މިހާރު ރާއްޖެ ވެފައި ވަނީ އެ ގައުމާއި ސައޫދީއާ ދެމެދު ދަތުރުކުރާ މަގަށެވެ.