މީގެ 11 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ބޭއްވި ހޭ ފެސްޓިވަލަށް ޒިޔާރަތްކުރި އިންޑިޔާގެ ނޫސްވެރިޔަކު އެނބުރި ރަށަށް ދިޔުމަށް ފަހު އޭނާ ދިވެހި ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާ ލިޔަމުން ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނާ ދެކެވުނު ވާހަކަތައް ހިއްސާ ކުރި އެވެ. އޭނާ ލިޔެފައިވާގޮތުގައި އޭރު ރާއްޖޭގައި ހުރި އިންޑިއާގެ ސަފީރަށް އޮތް އެންމެ ބޮޑު ޒިންމާއަކީ ރާއްޖޭގެ މައިގަނޑު ތިން އެއާޕޯޓުގެ ކޮންޓްރޯލު އިންޑިއާއަށް އޮންނާނެ ގޮތް ހެދުމެވެ. އެ ދުވަސްވަރަކީ ޖީއެމްއާރުގެ ރަން ޒަމާނެވެ. އެހެންކަމުން ރާއްޖޭގެ މައި އެއާޕޯޓާ މެދު ސުވާލެއް ނެތެވެ. އެތަން އޮތީ އިންޑިޔާ އަށް ހިތަކަށް ލިބިފަ އެވެ. އޭރު ހަނިމާދޫ އެއާޕޯޓު ވެސް އޮތީ ގާތްގަނޑަކަށް އިންޑިއާގެ ސަރުކާރުގެ ދަށުގަ އެވެ. ތަރައްގީގެ މަޝްރޫއެއް ހިންގުމުގެ ނަމުގައި އެހިސާބުގައި އިންޑިޔާއިން ހަރަކާތްތެރި ވަމުން ދިޔަ އެވެ. އެ ޕްލޭނުގެ ތެރެއިން ހަނިމާދޫން އިންޑިޔާއަށް ވައިގެމަގުން ދަތުރު ފަތުރު ވެސް ދިޔައީ ކުރަމުންނެވެ. އެހެން ކަމުން ސަފީރު ހުރީ ހިތްހަމަ ޖެހިފަ އެވެ.

އޭގެ ފަހުން މާގިނަ ދުވަހެއް ނުވަނީސް "ދިވެހީންގެ އެއާޕޯޓް ދިވެހީންނަށް" އަނބުރާ ހޯދުމުގެ ނަމުގައި ރައްޔިތުންގެ ތެރެއިން ބަޔަކާއި ސިޔާސީ ޕާޓީތަކުން ހިންގި ގިނަ ހަރަކާތަކަށް ފަހު ހުޅުލޭގައި އޮތް ރާއްޖޭގެ މައި ވައިގެ ބަނދަރު ދިވެހިންނަށް އަނބުރާ ލިބުނެވެ. އޭރު އިންޑިޔާއާ ރައްޓެހި އެމްޑީޕީގެ ވެރިކަން ވެސް އޮތީ ނިމިފަ އެވެ. އެ ހިސާބުން އިންޑިއާއިން ރާވާފައި އޮތް "ރާއްޖެ ހިފުމުގެ" ބޮޑު ޕްލޭން ވަގުތީ ގޮތުން ނަމަވެސް މަޑު ޖެހުމަކަށް އަ އެވެ. އެކަމަކު އިންޑިއާ ސަރުކާރުން ރާއްޖެއަށް "ހަދިޔާ" ކޮށް، ދިވެހި ސަރުކާރަށް އަތް ނުލެވޭ ގޮތަށް ރާއްޖޭގެ ދެ އެއާޕޯޓެއްގައި ބާއްވާފައި އޮތް ދެ ހެލިކޮޕްޓަރުގެ ޒަރީއާއިން އިންޑިއާއިން ދިޔައީ ރާއްޖޭގެ މިނިވަންކަމާ ބެހެމުންނެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެ ހެލިކޮޕްޓަރުތައް ފޮނުވާލުމަށް ކުރެވުނު މަސައްކަތް އެވެރިކަން ނިމުނު އިރު ވެސް އޮތީ ކާމިޔާބު ނުވެ އެވެ. ހެލިކޮޕްޓަރާއެކު ތިބި އިންޑިއާ ސިފައިންގެ ވިސާ ސަރުކާރުން އާކޮށް ނުދިނުމުން ވިސާއާ ނުލައި ގަވައިދާ ޚިލާފަށް ވެސް ރާއްޖެއިން ނުފައިބާ އެ މީހުން ތިބީ އެވެ.

ދެ ހެލިކޮޕްޓަރާއެކު އިންޑިއާގެ އެތަކެއް އާމީ އޮފިސަރުންނެއް ރާއްޖޭގައި ބައިތިއްބައިގެން އިންޑިއާއިން ހިންގަމުން ގެންދިޔަ ހަރަކާތްތައް ނުހުއްޓުވިގެން އުޅެނިކޮށް އަނެއްކާ ވެސް އެމްޑީޕީ ވެރިކަމަށް އައިސް އިންޑިއާއަށް ގައުމު ދީލާލި އެވެ.

ހައިޑްރޯގްރެފިކް ސާވޭ ދަތުރެއްގައި ރާއްޖެއައި އިންޑިއަން ނޭވީ ޝިޕް

މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ ތިން ހިސާބެއްގައި އިންޑިޔާގެ މިލިޓަރީ ހަރަކާތްތެރިވާ ކަމަށްވެ އެވެ އޭގެ ތެރޭގައި ހަނިމާދު އާއި ކައްދޫގެ އިތުރުން އައްޑު އަތޮޅު ގަން ވެސް ހިމެނެ އެވެ. މީގެ އިތުރުން އައްޑު އަތޮޅުގައި އިންޑިޔާގެ އެހީގައި ދިވެހި ސަރުކާރުން ގާއިމު ކުރަމުން ގެންދާ ޕޮލިސް އެކަޑަމީގެ ބޭނުމަށް ވެސް އިންޑިޔާ ސިފައިން ދަނީ އައްޑުގައި ހަރަކާތްތެރިވަމުންނެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވެސް އަދި އާންމުންގެ ގިނަ ބަޔަކުވެސް މި މަރުކަޒު ސިފަ ކުރަނީ އިންޑިއާގެ މިލިޓަރީ ބޭހެއްގެ ގޮތުގަ އެވެ. މީގެ އިތުރުން އުތުރު ތިލަފަޅުގައި އިންޑިއާގެ އެހީގައި ގާއިމުކުރަން ހަމަޖެހިފައިވާ ސިފައިންގެ ބަނދަރުގެ އެގްރިމެންޓްގައިވާ އަޑިނޭނގޭ ކަންތައްގަނޑެއްގެ ވާހަކަ ހޫނުވެފައި ވަނިކޮށް އިންޑިއާއިން މިވަނީ ކުއްލިއަކަށް ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި އެގައުމުގެ ކޮސިއުލޭޓެއް ހުޅުވަން ނިންމާފަ އެވެ.އިންޑިއާގެ ނޫސްތަކުން މިވާހަކަ ރިޕޯޓު ކުރުމުގެ ކުރިން ދިވެހި ސަރުކާރަށް މިކަން އެނގިފައި އޮތް ކަމަކަށް ވެސް ނުވެ އެވެ. މިހިސާބުން އިންޑިޔާއިން އައްޑޫގައި ކޮންމެހެން ކޮންސިއުލޭޓެއް ހުޅުވަން ޖެހެނީ ކީއްވެގެންތޯ ބަޔަކު ސުވާލު އުފައްދަމުން އެބަދެ އެވެ.

އިންޑިއާއިން ރާއްޖެއަށް އަލަށް ހަދިޔާކުރި 100،000 ޑޯޒުގެ ކޮވިޑް ވެކްސިންއާ ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު ޝާހިދާއި ހެލްތު މިނިސްޓަރު ނަސީމް ހަވާލުވެވަޑައިގަންނަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ބޭރު ގައުމު ތަކުގައި ގައުމުތަކުން ކޮންސިއުލޭޓް އޮފީސްތައް އާންމު ގޮތެއްގައި ހުޅުވަނީ އެތަނެއްގައި ތަފާތު ބޭނުން ތަކުގައި ދިރިއުޅޭ ތިމާމެންގެ ގައުމުގެ މީސް މީހުނަށް ބޭނުންވާ ކަންތައް ތައް ހަމަޖައްސައިދީ އެމީހުނަށް އެހީތެރި ވުމަށެވެ. މިގޮތުން ބަލާއިރު އައްޑޫގައި އިންޑިޔާގެ އެހާބޮޑު އާބާދީ އެއް އޮވެ އެމީހުންގެ ކަންތައް ބަލަހައްޓަން އިންޑިއާއަށް ދަތިވެގެން އުޅޭ ހެނެއް ހިއެއް ނުވެ އެވެ.

ރާއްޖޭގެ ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ އުމަރު ނަސީރު ދެކެވަޑައިގަންނަވާ ގޮތުގައި އައްޑޫގައި ކޮންސިއުލޭޓެއް ހުޅުވުމަކީ އިންޑިޔާއިން ރާއްޖޭގައި އިތުރަށް ބާރުގަދަކުރަން އެޅި ފިޔަވަޅެކެވެ. މިކަމުގައި އުމަރު އެންމެ ކަން ބޮޑުވެ ވަޑައިގަންނަވަނީ އެކި ނަންނަމުގައި އިންޑިއާގެ މިލިޓަރީ ރާއްޖޭގައި ގިނަކޮށް ފުޅާކުރަމުންދާ ދިއުމެވެ.

އުމަރެކޭ އެއްފަދައިން ވަރަށް ގިނަބަޔަކު މިކަމާ ކަން ބޮޑުވުން ފާޅުކުރަމުން އެބަދެ އެވެ. އޭގެ ތެރޭގައި ގިނައީ ސިޔާސީ ގޮތުން މިހާރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކެވެ. އެފަރާތްތަކުން ސިފަކުރާ ގޮތުގައި މިހާރު އިންޑިއާ މިވަނީ ދެން ސަލަމަތް ނުވެވޭވަރަށް ރާއްޖޭގެ މައްޗަށް ވެރިވެގެންފަ އެވެ. އިންޑިއާގެ ބާރުގަދަކޮށް މިލިޓަރީ ފުޅާކުރުމުގެ ހަރަކާތް ރާއްޖޭގައި ކިތަންމެ ވަރަކަށް ކުރިޔަށް ގެންދިޔަކަމުގައި ވިޔަސް އުމަރުގެ އުންމީދު ކަނޑުއްވައެއް ނުލައްވަ އެވެ.

"ކިތަންމެ ފުޅާ ކުރިޔަސް ހުރިހާ އެއްޗެއް ބަންދު ކޮށްގެން ފައިބަންޖެހޭ ދުވަސް ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ އަންނާނެ،" އުމަރު ވިދާޅުވި އެވެ.

އެއީ އުމަރުގެ ބަހެވެ. ދިވެހި ރާއްޖެ އިންޑިޔާއާ ދިމާޔަށް ދީލާފައިވާ ދީލާލުމާމެދު ހިތްހަމަނުޖެހޭ މީހުނަށް އުމަރުގެ އެވާހަކަ ކޮޅުން ހިތަށް ހަމަ ޖެހުމެއް ލިބިދާނެކަމަށް ފެނެ އެވެ. ނަމަވެސް މިވަގުތައް ފެންނަން އޮތީ މަޑުމަޑުން ނަމަވެސް އިންޑިޔާއިން ރާއްޖެ ހިފަމުން ގެންދާތަނެވެ. ނުވަތަ ހިފާފައިވާތަނެވެ.