ހިއްކައިގެން ތަރައްގީކުރަމުން އަންނަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، އަމިއްލަ ގޯއްޗެއްގައި ގެ އަޅައިގެން ބައެއް މީހުން ދިރިއުޅެން ފަށައިފި އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ހުރިހާ" އަށް މިއަދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މީހުން ބަދަލުވާން ފަށާފައި ވަނީ އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ބިންތަކުގައި އަޅާފައިވާ ގެތަކަށް ކަމަށެވެ. އަދި މިގެތަކަށް ބަދަލުވެފައިވަނީ އެޗްޑީސީން ދިރިއުޅުމުގެ ހުއްދަ އެ ބިލްޑިންގަށް ދޫކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިގެންދަނީ އިމާރާތް ނިމުމުން ދިރިއުޅުމުގެ ހުއްދަ ދެމުން. އެ ހުއްދަ ދިނުމުން ކަރަންޓާއި ފެނާއި ނަރުދަމާ ގުޅައިދޭނެ،" ސުހައިލް ވިދާޅުވި އެވެ. "މިވަގުތު އެއް ބިލްޑިންގައި މީހުން އުޅެމުން އެބަދޭ."

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިވަގުތު މީހުން ދިރިއުޅެމުން އަންނަނީ އަމިއްލަ ގޯއްޗެއްގައި ހަދާފައިވާ ގެއެއްގަ އެވެ. އެގޭގައި 5 އާއިލާއަކުން ދިރިއުޅެން އެބަދެ އެވެ.

އޭނާ ވިދާޅުވީ ދެވަނަ ފިޔަވަހީގައި މިވަގުތު ބޭނުންކުރަނީ ސްޓެލްކޯގެ ވަގުތީ ކަރަންޓުގެ ހިދުމަތް ކަމަށެވެ. ނަމަވެސް ފެނާއި ނަރުދަމާ އެމްޑަބްލިއުއެސްސީން ގުޅައިދޭ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިއިރު އެތަނުގައި ހަދާ މިސްކިތުގެ މަސައްކަތްވެސް ވަނީ ނިމުމަކާ ހަމަޔަށް ގޮސްފަ އެވެ. އަދި އެތަނުގައި ތިން ސްކޫލެއް ހެދުމަށް މިހާރު ވަނީ ބީލަމަށް ހުޅުވާލައިފަ އެވެ. އޭގެ އިތުރުން ދެވަނަ ފިޔަވައްސަށް ދަތުރުކުރަން ހަތަރު ބްރިޖްގެ މަސައްކަތް ވެސް ނިމި، އޭގެ ތެރެއިން އެއް ބްރިޖް ވަނީ ހުޅުވާލައިފަ އެވެ.

އެޗްޑީސީން ކުރިން ބުނެފައި ވަނީ އަލަށް އިމާރާތްކުރި ހިޔާ މަޝްރޫއުގެ ފްލެޓްތަކާއެކު އަމިއްލަ ގެތަށް ހުރި ސަރަޙައްދުތަކަށް އާއްމު ދަތުރުފަތުރުގެ ޚިދުމަތް ފަށާނެ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 7000 ހައުސިން ޔުނިޓްގެ ތެރެއިން ފްލެޓް ލިބުނު ގިނަ ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތައް ދާދިފަހުން ވަނީ އިއުލާންކޮށްފަ އެވެ. ހައުސިން މިނިސްޓްރީން ބުނީ އެ ފުލެޓްތައް ލިބޭ ފަރާތްތަކަށް ފުލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ހަވާލުކުރާނެ ކަމަށެވެ.